ހަބަރު

އިބޫ އާއި ޖުމްހޫރީ ޕާޓީއާ ދެމެދަށް ވަންނަން ފުރުސަތެއް ނެތް: ގާސިމް

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ޖުމްހޫރީ ޕާޓީ ޖައްސަން މަސައްކަތް ބަޔަކު ކުރާ ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އިބޫގެ ސަރުކާރު ދަމަހައްޓައި ކުރިއަށް ގެންދިޔުމުގައި ޖުމްހޫރީ ޕާޓީ ސާބިތުވެ އޮންނާނެ ކަމަށެވެ. އެކަމަށް އެއްވެސް ބަޔަކަށް ހުރަސް ނޭޅޭނެ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ދުވަހޭ ފަސް އަހަރު ނިމިގެންދާ ދުވަހެކޭ ތަފާތެއް ނެތި އެމަނިިކުފާނާ އެކީގައި ކޮނޑާ ކޮނޑު ޖައްސައިގެން އަޅުގަނޑުމެން މަސައްކަތް ކުރާނެ ކަމުގެ ވާހަކަ ވަރަށް ސާބިތުކަމާއެކު ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.

"މިދޭތެރެއަށް ބަޔަކު ވަންނަން މަސައްކަތް ކުރިޔަސް އެ ފުރުސަތެއް ޖުމްހޫރީ ޕާޓީއަކުން ހަމަ ގައިމު ވެސް ނުލިބޭނެ ކަމަށް ކަށަވަރުކޮށްދެން،"

ގާސިމް މިހެން ވިދާޅުވިިއިރު ކޯލިޝަންގެ ތެރޭގައި ފިތުނަ އުފެދޭ ވާހަކަތައް ބައެއް އިސް ބޭފުޅުން ދައްކަވާ ކަމަށް ވިދާޅުވެ ކޯލިޝަން ޕާޓީތަކުގެ ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި ދުވަސްވަރު އަމިއްލަ މަސްލަހަތަށްވުރެ ކޯލިޝަންގެ މަސްލަހަތަށް ބެލުމަށް ދަނީ ގޮވާލަމުންނެވެ.

ކޯލިޝަންގެ މެދުގައި މިހާރު އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައިވަނީ އިބޫގެ ކެބިނެޓް ޕާޓީތަކުގެ މެދުގައި ބެހުމާ ގުޅޭ ގޮތުންނެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ކޯލިޝަނެއްގެ ތެރެއިން އިބޫ އިންތިހާބުވެވަޑައިގެންފައިވީ ނަމަވެސް ޕާޓީތަކުން އެމަނިކުފާނުގެ ކެބިނެޓަށް ސަވާރުވާން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.

"ތެދުފުޅެއް ރައިސުލްޖުމްހޫރިއްޔާ އިންތިހާބުވެވަޑައިގެންނެވީ އިއްތިހާދަކުން ކަމަަށް، އެހެންނަމަވެސް ރައިސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ވަޒީރުންގެ މަޖިލީހަކީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހެއް، އެއީ އެމަނިކުފާނުގެ ގާނޫނީ ހައްގެއް، ކޮންމެ ހައްގަކާއެކު ޒިންމާއަކާއެކު އެކުލެވޭ އަސްލެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު އިބޫގެ ކެބިނެޓް ވަނީ ކޯލިޝަން ހަތަރު ޕާޓީގެ މެދުގައި ބަހާލާފަ އެވެ. އެމްޑީޕީއަށް ކެބިނެޓްގެ 40 ޕަސެންޓް ދޭން ނިންމާފައިވާއިރު ޖުމްހޫރީ ޕާޓީއަށް ދެނީ 25 ޕަސެންޓެވެ. ކެބިނެޓްގެ 20 ޕަސެންޓް ރައީސް މައުމޫންއަށް އޮތްއިރު އަދާލަތު ޕާޓީއަށް އޮތީ 15 ޕަސެންޓެވެ. ކެބިނެޓްގައި ހިމަނަން ޕާޓީތަކުން ބޭނުންވާ ނަންތައް ފޮނުވުމަށް އިބޫ އެދިވަޑައިގެންފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.