މުހައްމަދު ނާޒިމް

މަނީލޯންޑަރިންގެ ހިޔާލު ރައީސް ޔާމީންގެ ހުރި، ދެކޮޅު ހެދިން: ނާޒިމް

މަނީލޯންޑަރިން ފަދަ ބޮޑެތި ޖަރީމާތަކެއް ހިންގަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުން ހުންނެވި ކަމަށާއި އެކަމަށް އޭނާ ދެކޮޅު ހެދި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައީސް ޔާމީނަކީ ވިސްނުމުގަ އުނި ކަމެއް ހުންނަ ބޭފުޅެއް ކަމަށާއި ދެފަހަރު އެކައްޗެއް ވިދާޅުވުމަށް އެމަނިކުފާނަށް ވަރަށް އުނދަގޫ ކަމަށެވެ.

"ގިނަ ބަޔަކު ލައްވާ ޖަރީމާ ހިންގުމާއި ވައްކަން ކުރުމާ މިކަންކަމަކީ ތަބީއީ ސިފައެއްގެ ގޮތުގައި އެމަނިކުފާނުގެ ހުރޭ، އަޅުގަނޑަކީ އެކަންކަމަށް ތާއިދު ކުރާ މީހެއް ނޫން، އަޅުގަނޑު ލައްވާ ކުރަން އުޅުނު ގިނަ ކަންތައްތަކަކަށް ޖެހުނު ނޫނެކޭ ބުނަން، އޭގެ ތަފްސީލެއް ދަންނަވާކަށް ނެތިން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރައީސް ޔާމީން ހިންގާފައިވާ ޖަރީމާތަކާއި ހިންގަވަން އުޅުނު ޖަރީމާތައް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ވެރިކަމުގައި އުފައްދާ ރިޔާސީ ކޮމިޝަންތަކުން ބަލާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އޭރަށް ރައްޔިތުންނަށް ކަންކަން ހާމަވެގެންދާނެ ކަމަށެވެ.

"މި ފެށޭ ސަރުކާރުގަ އުފެދޭ ރިޔާސީ ކޮމިޝަންތަކުން އެ މައްސަލަތައް ބެލުމުން ރައްޔިތުންނާ ހަމައަށް އެނގޭނެ، ރައީސް ޔާމީން ކުރައްވަން ރާވާފައިހުރި ކަންކަން ރައްޔިތުންނާ ހަމައަށް ހާމަވާނެ، އޭގެ ތެރެއިން އެއް ކަމަކީ މަނީލޯންޑަރިން ކުރުުގެ ވިސްނުންފުޅެއް ގެންގުޅުނު، މިކަހަލަ ކަންކަމުގައި އަޅުގަނޑު ދަންނަވާފައިވާނީ ނޫނެކޭ،" ނާޒިމް ވިދާޅުވި އެވެ.

"މިކަހަލަ ކަންކަމުގައި ބައިވެރިނުވުން އެއީ އަޅުގަނޑުމެންނާ ދޭތެރޭ ގޯސްކޮށް އަމަލުކުރުމުގެ ސަބަބު ކަމަށް ގަބޫލުކުރަނީ، އަޅުގަނޑުގެ ސިޔާސީ ހަޔާތް މަރާލަން މިވަރުގެ ބޮޑު އަނިޔާއެއް އަޅުގަނޑަށް ދެވިގެން މިދިޔައީ،"

ނާޒިމް ވިދާޅުވީ އޭނާ ހައްޔަރުކުރީ ރައީސް ޔާމީނަށް އެނގިގެން ކަމަށެެވެ. އެކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް އޭނާއަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ ގެއަށް ރައީސްއަށް ނޭނގި ފުލުހުންނަށް ނުވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ވަނީ ފްރޭމްކޮށްފަ ކަމަަށާއި އެކަމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށެވެ. ނޫންނަމަ އެފަދަ ޖަރީމާތައް ކުރިއަަށް އޮތް ތަނުގައި ވެސް ހިންގުމަށް ފުރުސަތެއް ދެވޭނެ ކަމަށެވެ.

ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ ބޭފުޅަކަށް އިއްވި ފުރަތަމަ ހުކުމެވެ. އޭގެފަހުން އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ހުރިހާ އިސް ބޭފުޅުން ވަނީ ޖަލަށްލާފަ އެވެ.

ނާޒިމްގެ ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުފާކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

އޭގެ ފަހުން ނާޒިމްގެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން
ހާމަކުރުމުން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރި ނިންމި ނިންމުން ރިވިއުކޮށް ދޭން އެދުނެވެ. އަދީބު ވެސް ވަނީ ކަން ހިނގި ގޮތް ސުޕްރީމް ކޯޓުގައި ކިޔައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އޮތީ ގޮތެއް ނުނިންމަ އެވެ.