ހަބަރު

އަދީބާއި ޒަމީރާއެކު، ޔާމީނާ ދެކޮޅަށް 8 ހެކިވެރިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ދެކޮޅަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން އަށް ހެކިވެރިއެއްގެ ނަން ޝަރީއަތަށް ހުށަހަޅައިފި އެވެ. އެ އަށް މީހުންގެ ތެރޭގައި އެމަނިކުފާނުގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަހުމަދު އަދީބާއި މޫސާ ޒަމީރު ހިމެނެ އެވެ.

މޫސާ ޒަމީރާއި އަދީބަކީ ވެސް ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވާފައިވާ އެއް އިރެއްގައި ޔާމީންގެ އަރިސް ދެ ބޭފުޅުންނެވެ. އަދީބު މިހާރު ވެސް ހުންނެވީ ޖަލު ހުކުމްތަކެއްގަ އެވެ. މި ވަގުތު ހުންނެވީ ގޭބަންދުގަ އެވެ. މޫސާ ޒަމީރު މިފަހުން ވަނީ ޕީޕީއެމްގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައި ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅޭ ފުރަތަމަ އިޖުރާއީ އަޑުއެހުން މިއަދު މެންދުރުފަހު ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އެވެ. ނޫކުލައި ގަމީހަކާއި ފަޓްލޫނެއް ތުރުކުރައްވައިގެން ރައީސް ޔާމީން އިންނެވި އެ އަޑުއެހުމުގައި ޕީޖީއިން ވަނީ ރައީސް ޔާމީންއާ ދެކޮޅަށް ކުރާ ދައުވާ ތަފްސީލްކޮށް ހުށަހަޅުއްވާފަ އެވެ.

ޕީޖީގެ ވަކީލް މުހައްމަދު އާލިމް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ. އަދި އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ޖެނަރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

އޭގެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއެކު ރައީސް ޔާމީން ވަނީ އެސްކޮރޯ އެކައުންޓެއް ހެދުމަށް އެއްބަސްވުމެއް ހަދާފަ އެވެ. އެގޮތަށް އެއްބަސްވީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ޕީޖީގެ ވަކީލް ވިދާޅުވި ގޮތުގައި ޔާމީން ވަނީ އެ އެއްބަސްވުމާ ހިލާފުވެފަ އެވެ. އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރީ މޫސާ ޖަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށެވެ. އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޒަމީރުގެ އެކައުންޓުންނެވެ.

ވަކީލް ވިދާޅުވި ގޮތުގައި އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެކެވެ. އެހެންވެ، އެއީ މަނީ ލޯންޑްރިންގެ ކުށަށް ވެގެންދާ ކަމަށް އޭނާ ފާހަގަކުރި އެވެ. އެ ކުށް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ދައުވާ އިއްވުމަށްފަހު، ވަކީލް ވަނީ ޔާމީންއާ ދެކޮޅަށް ހުރި ދައުވާތައް ހާމަ ކުރައްވާފަ އެވެ. އެގޮތުން އަދީބާއި މޫސާ ޒަމީރުގެ އިތުރުން ދެން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑްގައި ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒުގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލް ކިޔާ މީހެކެވެ.

މުހައްމަދު އިސްމާއިލް ވަނީ ޒަމީރު އަތުން ބިމެއް ގަނެފަ އެވެ. ހުޅުމާލޭގެ އެ ބިން ގަނެފައިވަނީ ދެ މިލިއަން ޑޮލަރަށެވެ. އެ ފައިސާ ޖަމާކޮށްފައިވަނީ ޒަމީރުގެ އެކައުންޓަށެވެ. ވަކީލް ވިދާޅުވި ގޮތުގައި ޔާމީން ވަނީ އެއް މިލިއަން ޑޮލަރު ހޯދައިދިނުމަށް ޒަމީރުގެ ގާތު އެދިފަ އެވެ. ނަމަވެސް އެއީ އެސްކޮރޯ އެކައުންޓަށް ޖަމާކުރަން ހޯދާ ފައިސާއެއް ކަމަށް އޭނާއަށް އޭރު ނޭނގޭ ކަމަށް ޒަމީރު ބުނެފައިވާ ކަމަށެވެ.

ޝަފަވީ ހެކީގެ އިތުރުން ޕީޖީއިން ވަނީ ހެކީގެ ގޮތުގައި އޭސީސީއިން ހެދި އެސްކޮރޯ އެކައުންޓް އެއްބަސްވުމާއި އޭސީސީގެ ތަހުގީގު ރިޕޯޓާއި އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި ޔާމީން ޕޮލިހަށް ދިން ބަޔާނާއި އޭސީސީއަށް ދިން ބަޔާނާއި މައްސަލާގައި ހިމެނޭ ޓްރާންސްސެކްޝަންތަކުގެ ޗެކްތަކާއި ސްލިޕްތަކާއި ބޭންކް ސްޓޭޓްމެންޓްތަކާއި ޔާމީންގެ މާލީ ބަޔާން ވަނީ ހުށަހަަޅާފަ އެވެ.

އޭގެ އިތުރުން މި މަހުގެ ތެރޭގައި އިތުރު ދެ މީހެއްގެ ބަޔާން ފުލުހުން ނަގާފައިވާތީ އެ ދެ މީހުން ވެސް ހެކީގެ ގޮތުގައި ހިމަނަދިނުމަށް އެދިފައިވެ އެވެ. ޕީޖީގެ ވަކީލް ވިދާޅުވި ގޮތުގައި އެ ދެ މީހުންނަކީ މީގެ ކުރިން ފުލުހަށް ފިލައިގެން އުޅުނު ދެ މީހުންނެވެ. ދައުވާއާ އެއްކޮށް އެ ހެކިތައް ހުށަނާޅާ އޮތުމުން އެ ހެކިތައް ބަލައިގަތުމާ ގުޅޭ ގޮތުން މިއަދު ގާޒީ ވަކި ގޮތެއް ނުނިންމަވަ އެވެ.

ދައުވާ އިއްވައި، ހެކި ހާމަ ކުރުމުން ކޮޅަށް ތެދުވެވަޑައިގެން ޔާމީން ވިދާޅުވީ މަނީ ލޯންޑްރިންގެ ދައުވާ ކުރާއިރު އެ ދައުވާ އޭނާއަށް އެއްވެސް ވަރަކަށް ސާފު ނުވާ ކަމަށެވެ. ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒު ވަނީ އެ ސަބަބުތައް ވިދާޅުވެފަ އެވެ. އެގޮތުން މަނީ ލޯންޑްރިންގެ ކުށަށް ވަނީ ކޮން ޓްރާންސްސެކްޝަންއެއްގެ ސަބަބުން ކަމެއް ސާފު ނުވާ ކަމަށެވެ. އަދި، އެސްއޯއެފްގެ ފައިސާ ކޮރަޕްޝަންގެ ފައިސާއަށް ވަނީ ކިހިނެއް ކަމެއް ސާފު ނުވާ ކަމަށެވެ.

އެއަށް ޖަވާބު ދެއްވަމުން ޕީޖީގެ ވަކީލް ވިދާޅުވީ މަނީ ލޯންޑްރިންގެ އަމަލު ފުރިހަމަ ވަނީ ދައުވާގައި ބަޔާން ކުރާ ހުރިހާ ޓްރާންސްސެކްޝަންތަކެއް ވެސް ހިމަނައިގެން ކަމަށެވެ. މަނީ ލޯންޑްރިންގެ ގާނޫނުގައި މަނީ ލޯންޑްރިން ކަމަށް ބުނެފައިވަނީ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ށައްކުކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއް ބަދަލުކުރުން ނުވަތަ އެ މުދަލަށް ބަދަލެއް ގެނައުމެވެ.

އެސްއޯއެފްގެ ފައިސާއަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާކަން މިހާރު ކޯޓަށް ހުށަހެޅިފައިވާ އެހެން ގިނަ މައްސަލަތަކުން ވެސް އެނގޭ ކަމާއި ތަހުގީގުތަކުން ވެސް އެކަން ހާމަވެފައިވާކަން ވަކީލް ފާހަގަ ކުރެއްވި އެވެ. އެހެންވެ، މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް ކުރަނީ ކޮރަޕްޝަންގެ ކުށް ކޮށްގެން ހޯދާފައިވާ ފައިސާތަކެއް ފޮރުވަން އުޅުމުގެ ތުހުމަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާއެކު މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ކޮރަޕްޝަންގެ ކުށް ތަފްސީލްކޮށް ދެއްވުމަަށް ވަކީލުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް ޕީޖީގެ ވަކީލް އެދުނީ އެކަމަށް އިތުރު ފުރުސަތެއް ދެއްވުމަށެވެ. ޔާމީންގެ ވަކީލް ވަނީ ޕީޖީއަށް ދައުވާ ތަފްސީލްކޮށް އަދި ދައުވާ ކުރާ މައިގަނޑު ކުށް ބުނެދޭން ނޭނގުމަކީ މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ. ގާޒީ ވެސް ވަނީ އެކަން ފާހަގަ ކުރައްވައި، ގާނޫނުލް އުގޫބާތާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ކޮޕީއެއް ދެއްވުމަށްފަހު އެކަން ތަފްސީލްކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އެ ދެ ގާނޫނު ދިރާސާ ކުރެއްވުމަށްފަހު ޕީޖީގެ ވަކީލް ވިދާޅުވީ މަނީ ލޯންޑްރިންގެ ގާނޫނުގައި ވެސް ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައި ވެސް ކޮރަޕްޝަންގެ ކުށަކީ ކޮބައިކަން ބަޔާންކޮށްފައި ނެތް ކަމަށެވެ. ނަމަވެސް ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ މާނައިގެ ތެރޭގައި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ހުއްޓުވުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމާއި ހޯދައިދިނުން ހުއްޓުވުން ހިމަނާފައިވާ ކަމަށެވެ.

އެހެންކަމުން އެމްއެމްޕީއާރްސީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުގެ ނާޖައިޒު ބޭނުންކޮށްގެން ނުހައްގުން ބަޔަކަށް ނާޖައިޒު މަންފާތަކެއް ހޯދައިދީފައިވުމަކީ ކޮރަޕްޝަންގެ ކުށް ކަމުގައި ބެލެވޭނެ ކަމަށެވެ. އެހެންވެ، އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ކޮރަޕްޝަންގެ ކުށުން ހޯދާފައިވާ ފައިސާކަން ޝައްކު ކުރެވޭ މިންވަރަށް ހާމަވާ ކަމަށެވެ.

ޕީޖީގެ ފަރާތުން މި މައްސަލާގައި އެއްވެސް ސިއްރު ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. އެކަމަކު، ޒަމީރާއި ވަސީމް އިސްމާއިލް އަދި އެސްއޯއެފްގެ ބޭންކް ސްޓޭޓްމެންޓްތަކާއި ޗެކްތަކާއި ސްލިޕްތައް ސިއްރުކޮށް ދިނުމަށް ވަގުތީ އަމުރަކަށް ވަނީ އެދިފަ އެވެ. އެގޮތަށް އެދުނީ އޭގައި އެ ބޭފުޅުންގެ ޒާތީގެ މައުލޫމާތުތަކެއް ހިމެނޭތީ، ބޭންކިންގެ ގާނޫނުގައި ވެސް އެހެން ބުނެފައިވާތީ ކަމަށް ވަކީލް ވިދާޅުވި އެވެ. ނަމަވެސް ގާޒީ ހައިލަމް ވިދާޅުވީ ޗެކްތަކާއި ސްލިޕްތައް ދައުވާ ލިބޭ ފަރާތަށް ލިބެން ޖެހޭނެ ކަމަށެވެ. އަދި އެއީ ޒާތީ މައުލޫމާތުތަކެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. ސިއްރު ކުރަން އަމުރު ނެރުއްވީ ހަމައެކަނި ބޭންކް ސްޓޭޓްމެންޓްތަކަކަށެވެ.

ޔާމީންގެ ވަކީލް ޝިޔާޒު ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކެއް ހުރިކަން ފާހަގަ ކުރައްވާފަ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ލިބޭ ހައްގެކެވެ. އެކަމަށް ގާޒީ ހައިލަމް ވަނީ 10 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. ޕީޖީއަށް ވެސް އެ ފުރުސަތު ދެއްވި އެވެ. މި މައްސަލާގެ އަޑުއެހުން ދެން އޮންނާނީ އެ ހުށަހެޅުންތައް ހުށަހެޅުމަށާއި ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށެވެ.

ޔާމީންގެ އަޑުއެހުން މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު އެމަނިކުފާނުގެ ޕާޓީގެ އެއްވެސް އިސް ބޭފުޅަކު ޝަރީއަތުގެ އަޑުއެހުމަށް ވަޑައިނުގަންނަވަ އެވެ. ކޯޓު ދޮށުގައި ސަޕޯޓަރުންނެއް ވެސް ނެތެވެ.