ވިޔަފާރި

ފަސް އަހަރު ތެރޭގައި އިގްތިސާދު 30 ޕަސެންޓް ފުޅާވެއްޖެ: މިނިސްޓަރު

ރާއްޖޭގެ އުފެއްދުންތެރިކަން 72 ބިލިއަން ރުފިޔާ އަށް އެރުމާއެކު އިގްތިސާދު ފަސް އަހަރު ތެރޭގައި 30 ޕަސެންޓް ބޮޑު ކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ރައްޔިތުން މަޖިލީހަށް "ބަޖެޓު ބަޔާން" އިއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ 2013 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 53 ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް މި އަހަރު މި އަދަދު 73 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށާއި އެއީ 30 ޕަސެންޓް އިތުރު ވުމެއް ކަމަށް ވިދާޅުވި އެވެ.

"މީގެން އެނގެނީ އިގްތިސާދު ކުރިއަރަމުން އަންނަ ހަލުވި މިންވަރު. އިގްތިސާދު އިހުނަށް ވުރެ ފުޅާވެފައިވާކަން،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރަސްމީ ރިޒާވް ފަސް އަހަރު ކުރިން 300 މިލިއަން ޑޮލަރުގައި ހުރިއިރު، މިހާރު މިއަދަދު 600 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށެވެ.

"އެހެންކަމުން ވޭތުވެދިޔަ ފަސް އަހަރުތެރޭގައި ރައްޔިތުންގެ ހަޒާނާ މިވަނީ ދެގުނަ ބޮޑުކުރެވިފައި،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން އަންޒާދާ ކުރިއަށްވަރަށްވުރެ ބާރަށް ޓޫރިޒަމް ސިނާއަތުކުރި އަރައިގެން ގޮސްފައިވާކަމަށެވެ. އަދި އެމްއެމްއޭގެ ބޭންކުތަކުން ބަހައްޓާ ފައިސާގެ އަދަދު މަދުކުރުމުން އިމާރާތް ކުރުމުގެ ސިޔާއަތު ފުޅާވެގެން ގޮސްފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"ސެޕްޓެމްބަރު މަހާ ހަމައަށް ޔޫރަޕުން އައި ޓޫރިސްޓުން އިތުރުވުމުން ޓޫރިސްޓުން ހޭދަކުރާ ރޭގެ އަދަދު 11.8 ޕަސެންޓުން ވަނީ ކުރިއަރާފައި. އިމާރާތް ކުރުމާއި ރިއަލް އެސްޓޭޓުގެ ދާއިރާ ވަނީ ކުރިއަރާފައި. އެމްއެމްއޭގެ މިނިމަން ރިޒާވް ރިކުއައިމަންޓް ދަށް ކުރުމުން ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު ވަނީ 23.8 ޕަސެންޓް އިތުރުވެފައި،" މުނައްވަރު ވިދާޅުވި އެވެ.

އިގްތިސާދީ ދުވެލި 6.8 ޕަސެންޓުގައި

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 6.8 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"މެދު ރާސްތާގައި ރާއްޖޭގެ ދުވެލި މި މިންގަނޑުގައި ހިފެހެއްޓޭނެ. ތަރައްގީވަމުން އަންނަ ގައުމުތަކަށް ވުރެ ރާއްޖޭގެ ދުވެލި މާހަލުވި. އައިއެމްއެފުން ލަފާ ކުރާ ގޮތުގައި އަންނަ އަހަރު ދުނިޔޭގެ އެހެން ގައުމުތަކުގައި ހުންނާނީ 3.8 ޕަސެންޓުގައި. ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދުވެލި ހުންނާނީ ފަސް ޕަސެންޓުގައި،" މުނައްވަރު ވިދާޅުވި އެވެ.

އިންފްލޭޝަން ނެގެޓިވް ވާނެ

ކުރިއަށް އަންނަ ސަރުކާރުގެ ބަޖެޓު ހިމަނައިގެން ހުށަހެޅުއްވި ފުރަތަމަ ބަޔާނުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިންފޭޝަން [ލާދަ] އަންނަ އަހަރު ނެގެޓިވް ވާނެ ކަމަށެވެ.

"މާނައަކީ ޖުމްލަ ގޮތެއްގައި އަގުތައް ދިޔައީ ދަށަށޭ! 2019 ވަނަ އަހަރު އިންފޭޝަން ރޭޓް ހުންނާނީ 0.1 ޕަސެންޓުގައި. އަގުތައް ޑިފްލޭޓްވުން ނުވަތަ ދަށަށް ދިއުމުގެ ސަބަބަކީ ތަކެތީގެ އަގު ހެޔޮކުރަން ތަންފީޒް ކުރި ސިޔާސަތުތަކުގެ ސަބަބުން،" މުނައްވަރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި ހަރަދުގެ ގޮތުގައި، 26.7 ބިލިއަން ރުފިޔާ ހިމެނިފައިވާ އިރު ދަރަނި ދެއްކުމަށް 2.9 ބިލިއަން ރުފިޔާ ހިމެނިފައިވެ އެވެ. އަދި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ބަޖެޓް ޑެފިސިޓަކީ، 3.7 ބިލިއަން ރުފިޔާ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 4.7 ޕަސެންޓެވެ.