ވިޔަފާރި

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ބަޖެޓަށް 104 މިލިއަން ރުފިޔާ އިތުރުކުރަނީ

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި 104.2 މިލިއަން ރުފިޔާ ހަމަޖައްސައިފި
އެވެ.

އާ ސަރުކާރުގެ ބަޖެޓު ހިމަނައިގެން އަންނަ އަހަރަށް ލަފާކޮށް ފިނޭންސުން މަޖިލީހަށް ފޮނުވި ބަޖެޓްގައިވާ ގޮތުން، ރާއްޖޭގެ އިޝްތިހާރު ބަޖެޓު އިތުރު ކުރުމަށް 104 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެހެން ކަމުން އަންނަ އަހަރު ރާއްޖެ އިޝްތިހާރުގެ ބަޖެޓް 157 މިލިއަން ރުފިޔާއަށް އަރާނެ އެވެ.

ރާއްޖޭގެ އިޝްތިހާރު ބަޖެޓުގެ ގޮތުގައި މިފަހަރު ސަރުކާރުން ހިމަނާފައިވަނީ 53.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި ބަޖެޓު ކުޑަވުމުގެ ސަބަބުން ރާއްޖެ އިޝްތިހާރު ކުރުމަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. އެހެން ކަމުން އާ ސަރުކާރުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ބަޖެޓް މިހާރު ހުރިވަރަށް ވުރެ، 192 ޕަސެންޓް އިތުރުވެގެން ދާނެ އެވެ.

ޓޫރިޒަމްގެ ބްރޭންޑިން އިޝްތިހާރު ކުރުމުގެ ބަޖެޓު ކުޑަވުމުގެ ސަބަބުން ޓޫރިޒަމް ސިނާއަތުގެ ފާޑު ކިޔުން ވަނީ މި ސަރުކާރަށް އަމާޒުވެފަ އެވެ. އިބޫ ވިދާޅުވެފައި ވަނީ ޓޫރިޒަމް ބަޖެޓް ބޮޑު ކުރައްވާނެ ކަމަށާާއި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އިތުރު ހަރަދު ކުރައްވާނެ ކަމަށެވެ.

ޓޫރިޒަމްގެ ދާއިރާއިން އަލަށް ފަށާ ކަންކަމުގެ ތެރޭގައި، ޓޫރިޒަމަށް ދިވެހިން ތަމްރީން ކުރަން ފަންޑެއް އެކުލަވާލުމަށް، 10 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އަދި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ގުޅުވައިދޭ ޖޮބް ސެންޓަރެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރުމަށް 10 މިލިއަން ރުފިޔާގެ މަޝްރޫއެއް ވަނީ ބަޖެޓްގައި ހިމަނައިފަ އެވެ.