ހަބަރު

ނަޝީދުގެ ހުކުމް ރިވިއުކުރާ މައްސަލަ ތާވަލްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ އަޑުއެހުން ތާވަލުކޮށްފި އެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހަށެވެ.

މި މަހުގެ އަށްވަނަ ދުވަހު ރައީސް ނަޝީދުގެ ފަރާތްޕުޅުން މައްސަލާގައި ޖަވާބު ވެސް ވަނީ ހުށަހަޅުއްވާފަ އެވެ.

ޕީޖީ ހުށަހެޅި މައްސަލަ ބަލަމުންދާތީ، ސުޕްރީމް ކޯޓުން ވަނީ ރައީސް ނަޝީދު މިނިވަން ކުރަން އަމުރުކޮށްފަ އެވެ. އެ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްފަ އެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ އޭގެ ފަހުންނެވެ.

ކުރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. އެ ކޯޓުން ވަނީ އެ ހުކުމް ރަނގަޅު ކަމަށް ނިންމާފަ އެވެ. އޭގެފަހުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ވެސް ދައުލަތުންނެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ 13 އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށް ބުނެ އެއީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

ރައްޔިތުން މަޖިލީހުން އިއްޔެ ވަނީ ރައީސް ނަޝީދު މިނިވަންކުރުމަށް ސުޕްރީމް ކޯޓަށް އިލްތިމާސް ދަންނަވައި ގަރާރެއް ފާސްކޮށްފަ އެވެ.