ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިއަދު ސުޕްރީމް ކޯޓުން މިނިވަންކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިން މަދުވެރިކޮށް ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މާޗް 15، 2015ގަ އެވެ. އަދި އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް މީގެ ކުރިން ތާއީދުކޮށްފައިވެ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލައިގައި މީގެ ކުރިން ނިހާއީ ހުކުމެއް އިއްވާފައެއް ނުވެ އެވެ.
ހުކުމުގެ ދަށުން ދުވަސްކޮޅެއްގައި މާފުށީ ޖަލުގައި ހުންނެވުމަށް ފަހު، އެމަނިކުފާނު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން އެނބުރި އައިސްފައެއް ނުވެ އެވެ. އދ ގެ ވޯކިން ގްރޫޕަށް އެމަނިކުފާނުގެ ޖަލު ހުކުމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލައި އެ ޖަމާއަތުން ބުނެފައި ވަނީ، އެމަނިކުފާނުގެ ޝަރީއަތް ހިންގީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި އެހެން ކަމުން އެމަނިކުފާނު މިނިވަންކޮށް ހިފަހައްޓާފައިވާ ހުރިހާ ހައްގެއް އެމަނިކުފާނަށް ލިބިދޭން ޖެހޭ ކަމަށެވެ.
ރިޔާސީ އިންތިހާބު، އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއެކު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަން ނިންމެވުމުން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން އެ މައްސަލަ ރިވިއު ކޮށްދިނުމަށް ސުޕްރީމް ކޯޓްގައި އެދުނެވެ. އަދި އެ ކޯޓުން ވަގުތީ އަމުރެއް ނެރުނީ، ކުރިން އިއްވާފައިވާ ހުކުމާ ގުޅިގެން އެއްވެސް ފަރާތަކުން އެމަނިކުފާނުގެ މައްޗަށް އެއްވެސް ކަހަލަ ފިޔަވަޅެއް ނޭޅުމަށެވެ.
ހުކުމް ރިވިއު ކުރަން ހުށަހެޅި މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ކަނޑައެޅީ، ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވެސް ބާތިލް އިޖުރާއަތެއްގެ މައްޗަށް ކަމަށާއި އެހެންވެ، އޭގެ ދަށުން ހިނގާފައިވާ ކޮންމެ ކަމަކީ ވެސް ބާތިލް ކަމެއް ކަމަށެވެ.
މައްސަލަ ބެއްލެވީ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗްގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ޝަރީއަތުގެ އަޑުއެހުމަށް ރައީސް ނަޝީދު ވެސް ވަޑައިގެންނެވިި އެވެ. ހުދު ކުލައިގެ ގަމީހަކާއި ނޫކުލަ ޓައީއެއް ތުރު ކުރައްވައިގެން އިންނެވި ރައީސް ނަޝީދު ގެންދެވީ ހުކުމްގެ މުހިންމު ނުކުތާތައް އަމިއްލައަށް ނޯޓް ކުރައްވަމުންނެވެ. އަރިހުގައި އެމަނިކުފާނުގެ ދެ ވަކީލުން ކަމަށްވާ ހިސާން ހުސެއިން އާއި ސަފާ ޝަރީފް ތިއްބެވެ. މިއަދުގެ އަޑުއެހުން އަޑުއައްސަވަން ރައީސް ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލް ޖެރަޑް ޖެންސާ ވެސް ވަޑައިގެންނެވި އެވެ. އަދި އެމްޑީޕީގެ އިސް ބޭފުޅުން ވެސް ތިއްބެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމްގައި ބުނީ، ފުލުހުންގެ ޒިންމާތަކާއި މަސައްކަތަށް މަގާމުގެ ބޭނުންކޮށްގެން ހުރަސް އަޅަމުން އަބްދުﷲ ގާޒީ ގެންދެވި ކަމަށް އޭރު ފުލުހުން ބުނެފައިވާ ކަމަށާއި އެކަމުގައި ފިޔަވަޅު އަޅައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގައި ވެސް އެދުނު ކަމަށެވެ. ނަމަވެސް ފިޔަވަޅެއް އަޅާފައިނުވާތީ ފުލުހުން، ސިފައިންގެ ކިބައިން އެހީތެރިކަމަށް އެދުނެވެ. ހުކުމްގައި ފާހަގަކުރި ގޮތުން އަބްދުﷲ ގާޒީ، ގިރިފުއްޓަށް ގެންގޮސްފައިވަނީ އެ އެދުމުގެ މަތިން، ދައުލަތް ނެގެހެއްޓުމަށް އެހީވުމުގެ ގޮތުންކަން ސަފައިން އޭރު ނެރުނު ނޫސް ބަޔާނުގައި އެނގެން އޮންނަ ކަމަށެވެ.
އެކަން ކޮށްފައިވަނީ ގާނޫނު އަސާސީއިންނާއި ސިފައިންގެ ގާނޫނުގެ ދަށުން ލިބޭ ބާރާއި އިހްތިޔާރުގެ ދަށުން ކަމަށާއި އެއީ ކިޑްނެޕްކުރުން ނުވަތަ ރަހީނުކުރުން ފަދަ ކުށެއް ކަމަށް ނުހެދޭނެ ކަމަށް ހުކުމްގައިވެ އެވެ. ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ ކުށްތައް ކުރި ކަމަށް ބުނެ އެވެ.
ހުކުމްގައި ބުނީ، އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ސިފައިން ހިންގި އަމަލަކީ މަސްއޫލިއްޔަތު ލިބިގެން ނުވާ އަމަލެއް ކަމަށެވެ. އެކަމަކީ ސިފައިންގެ އެންމެ އިސްވެރިޔާ އަދި އެހެން ވެސް ފަރުދީ ގޮތުން ލިބޭ ގާނޫނީ އިހްތިޔާރުގެ ބޭރުން ކޮށްފައިވާ އަމަލެއް ނޫން ކަމަށެވެ.
އެހެންނަމަވެސް، އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ސިފައިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިނުވާ ކަމަށް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. ގާޒީއަކު ހައްޔަރުކުރާނަމަ އެ ކޯޓަށްވުރެ މަތީ ކޯޓެއްގެ އަމުރެއް ބޭނުންވާނެ ކަމަށާއި އެ އިޖުރާއަތު އެ މައްސަލާގައި ފުރިހަމަކޮށްފައިނުވާ ކަމަށެވެ. އެހެންވެ އެ އަމަލަކީ ސިފައިން ހިންގާފައިވާ ބާތިލް އަމަލެއް ކަމަށް ހުކުމްގައި ކަނޑައެޅި އެވެ. އެކަމަކު، އެއީ ޓެރަރިޒަމްގެ ކުށަކަށް ވާނެ ހަމައެއް ނެތް ކަމަށް ވެސް ހުކުމްގައި ބަޔާންކުރި އެވެ.
ތިން ފަނޑިޔާރުގެ ހުކުމްގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ޖިނާއީ ކުށެއްގެ ތުހުމަތުކުރާނަމަ، އެއީ ގާނޫނެއްގައި ބަޔާންކޮށް، އަދަބު ކަނޑައަޅާފައިވާ އަމަލެއް ހިންގައިގެން ކުރާ ތުހުމަތަކަށް ނުވަތަ ދައުވާއަކަށް ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ މައްސަލާގައި ސިފައިންގެ ގާނޫނުގެ ދަށުން ކޮށްފައިވާ ކަމެއް، ޓެރަރިޒަމްގެ ކުށަކަށް ހަދައި، ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޕީޖީއިން ހިންގި ބާތިލް އިޖުރާއަތެއްގެ މައްޗަށް ކަމަށް ވެސް ހުކުމްގައިވެ އެވެ.
ދައުވާ އުފުލާއިރު އެކަންކަމަށް ބެލުމަކީ ޕީޖީގެ ޒިންމާއަކަށްވާއިރު، ކުރިމިނަލް ކޯޓުގައި ދައުވާ އުފުލުމުން މަދަނީ ގޮތުން މައްސަލަ ކުރިއަށް ގެންދިޔުމުގައި ދައުވާ އުފުލާފައިވަނީ ސައްހަކޮށްތޯ ކޯޓުން ވެސް ކަށަވަރުކުރަން ޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ. ނަމަވެސް ކުރިމިނަލް ކޯޓުގައި ރައީސް ނަޝީދުގެ ޝަރީއަތް ހިންގީ ދައުވާ ސައްހަތޯ ބެލުމެއް ނެތި ކަމަށެވެ. އެހެންވެ، އެ މައްސަލަ ފެށިގެން އައިސްފައިވަނީ ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ކަމަށާއި ބާތިލް އިޖުރާއަތެއްގެ މައްޗަށް ތަރުތީބުވަމުން އަންނަ ކޮންމެ ކަމަކީ ބާތިލް ކަމަކަށް ވާނެ ކަމަށް ހުކުމްގައި ބުންޏެވެ.
ދަށު ކޯޓުން އިއްވާ ހުކުމްތައް އިސްތިއުނާފު ކުރުމަކީ ދެ ފަރާތަށް ވެސް ލިބޭ ހައްގަކަށްވާއިރު ރައީސް ނަޝީދުގެ ފަރާތުން އެއްވެސް މަރުހަލާއެއްގައި އެ ހައްގުގެ ބޭނުން ނުކުރާކަން ހުކުމްގައި ފާހަގަކުރި އެވެ. ހުކުމް ކަށަވަރުކުރަން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ހުށަހެޅީ ޕީޖީއިންނެވެ. ހައިކޯޓުން ވެސް ސުޕްރީމް ކޯޓުން ވެސް ވަނީ ހުކުމް ރަނގަޅު ކަމަށް ކުރިން ނިންމާފަ އެވެ. ނަމަވެސް މިއަދުގެ ހުކުމްގައި ބުނީ އެ މައްސަލާގައި ފައިސަލާކުރުވަނިވި ހުކުމެއް އިސްތިއުނާފީ މަރުހަލާގައި އިއްވާފައިނުވާ ކަމަށެވެ.
ހައިކޯޓުގައި ބަލާފައިވަނީ ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ދިޔައީ ސައްހަ އިޖުރާއަތްތަކެއްގެ މައްޗަށްތޯ ކަމަށާއި ނަމަވެސް އެ މައްސަލާގައި އެންމެ ފުރަތަމަ ދައުވާ އުފުލުމާއި ދައުވާ ހުށަހެޅުން ވެސް ކުރިއަށް ގޮސްފައިވަނީ ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށްކަން ހުކުމްގައި ފާހަގަކުރި އެވެ.
މުޅި މުޖުތަމައުގެ މަސްލަހަތު ހިމެނޭ މައްސަލަތަކާއި އިޖުރާއަތްތައް ގޯސް ކަމަށް ފާހަގަވާ މައްސަލަަތައް ރިވިއުކޮށް ދޭން އެދުމަކީ ޕީޖީއަށް ލިބިގެންވާ ބާރެއް ކަމަށާއި އަދުލުއިންސާފު ގާއިމް ކުރުމަށް އެެއީ މުހިންމު ކަމެއް ކަމަށް ވެސް ހުކުމްގައި ބުންޏެވެ. އެއީ އިސްލާމީ ފިގުހާއި ގައުމުތަކުގެ ޝަރުއީ ނިޒާމްތަކުން ވެސް ފެންނަ އޮތް ކަމެއް ކަމަށެވެ. މައްސަލަތައް ރިވިއު ނުކުރެވޭ ގޮތަށް އޮންނަނަމަ އެއީ އަދުލުއިންސާފު ގާއިމް ކުރުމަށް އެޅޭ ހުރަހެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އެ ސަބަބުތައް އެހެން ހުރުމުން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަކީ އެންމެ ފުރަތަމަ ވެސް ބާތިލް އިޖުރާއަތްތަކެއްގެ މަތިން ފެށިގެން އައީ މައްސަލައަކަށްވާތީ އެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ކަނޑައަޅާފަ އެވެ.
ރައީސް ނަޝީދުގެ ހުކުމް ބާތިލްކުރި، އެމަނިކުފާނުގެ ސަޕޯޓަރުން ސުޕްރީމް ކޯޓުގެ ބޭރުގައި އުފާ ފާޅުކުރަމުން ދިޔަ އެވެ. ކޯޓުން ނުކުންނަވާ އެމަނިކުފާނު ވަނީ ސަޕޯޓަރުންނަށާއި ގާނޫނީ ޓީމަށް ޝުކުރު އަދާކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ހުކުމް ބާތިލް ވެގެން ދިޔައީ ދިވެހި ރައްޔިތުން ދެއްކި ހިތްވަރުގެ ސަބަބުންނެވެ.