ރައީސް މުހައްމަދު ނަޝީދު

ނަޝީދު މައްސަލާާގައި އަވަހަށް ހުކުމް އިއްވަން ތައްޔާރުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއުކުރަން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން ހުށަހެޅި މައްސަލާގެ އަޑުއެހުންތައް އެއް ދުވަހުން ނިންމާލައި، އަވަހަށް ހުކުމް އިއްވަން ތައްޔާރުވެއްޖެ އެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށް ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި ކުށް ސާބިތުވެގެންނެވެ.

އެ ހުކުމް އިސްތިއުނާފުކުރުމުގެ ހައްގު ރައީސް ނަޝީދު ބޭނުންފުޅު ކުރައްވާފައެއް ނުވެ އެވެ. ކުރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. އެ ކޯޓުން ވަނީ އެ ހުކުމް ރަނގަޅު ކަމަށް ނިންމާފަ އެވެ. އޭގެ ފަހުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ވެސް ދައުލަތުންނެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ 13 އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށް ބުނެ އެއީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

ޕީޖީގެ ފަރާތުން އެ މައްސަލަ ރިވިއުކުރަން ހުށަހެޅީ ރިޔާސީ އިންތިހާބަށްފަހު އެވެ. އެކަމަށް އޭރު ގިނަ ބަޔަކު ޕީޖީގައި އެދެމުން ވެސް ދިޔަ އެވެ. އެ މައްސަލާގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވާފަ އެވެ.

އަޑުއެހުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ މައްސަލަ ރިވިއުކުރަން ހުށަހެޅީ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ބަލައިދިނުމަށް ރައީސް ނަޝީދުގެ މަސްލަހަތުގައި އެކި ފަރާތްތަކުން ތަކުރާރުކޮށް އެ އޮފީހުގައި އެދެމުންދާތީ ކަމަށެވެ. އަދި އެ މައްސަލަ ރިވިއު ކުރަން ހުށަހެޅީ އެއީ އާންމު މަސްލަހަ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށް ފެންނާތީ ކަމަށެވެ.

ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ހުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފްކުރަން ހުށަހެޅުމާއި، ގާނޫނު އަސާސީގެ އެންމެހާ ހަމަތަކާއި، ގާނޫނާއި، އެންމެހާ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕީޖީގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް ނަޝީދު މިއަދު ވަނީ ޝަރީއަތުގެ މަޖިލީހުގައި ހުކުމްއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި އެމަނިކުފާނުގެ ސީދާ ދައުރެއް ނޯންނާނެ ކަމަށެވެ.


"އަބްދުﷲ ގާޒީ ހައްޔަރުކުރީ އެމްއެންޑީއެފްއިން، އެކަމުގައި އަޅުގަނޑުގެ ބައިވެރިވުމެއް އަދި މަޝްވަރާއެއް އަރުވާފައެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވަކީލް ހިސާން ހުސެއިން ވަނީ ހުކުމް ބާތިލްކޮށް ދޭން އެދިވަޑައިގެންފަ އެވެ. އޭގެ ސަބަބުތައް ވެސް ހިސާން ވިދާޅުވި އެވެ. އެ ހުކުމް އިއްވާފައިވަނީ ރައީސް ނަޝީދަށް ގާނޫނު އަސާސީއިން ލިބިދޭ ހައްގުތައް ކަށަވަރުކޮށް ނުދީ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ވެސް ގާނޫނާ ހިލާފަށްކަން އޭނާ ފާހަގަކުރެއްވި އެވެ.

ހިސާން ފާހަގަކުރެއްވި ކަންކަމާ އެއްބަސްވަންތޯ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ޕީޖީއާ ސުވާލު ކުރެއްވި އެވެ. އެކަމާ ގުޅިގެން ނިހާޔަތު ވިދާޅުވީ އެއަށް ޖަވާބެއް ދެވޭނީ އިތުރަށް ބެލުމަށްފަހު ކަމަށެވެ. އެހެންވެ އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު އެ ފުރުސަތު ނުދެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައަކީ ސުޕްރީމް ކޯޓުން މައުޟައީ ގޮތެއްގައި ބަލާ ހުކުމެއް އިއްވާފައިވާ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމާމެދު ޕީޖީއިން ދެކޭ ގޮތް ސާފު ކުރައްވަން ސުވާލު ކުރެއްވި އެވެ. ހުކުމް ރަނގަޅު ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނިހާޔަތު ވިދާޅެއް ނުވެ އެވެ. ހަމައެކަނި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެއްލެވުމަށްފަހު އެކަމުގައި ގޮތެއް ކަނޑައަޅައިދެއްވުމަށެވެ.

ރައީސް ނަޝީދު ވަނީ މިއަދުން މިއަދަށް އެ މައްސަލާގައި ހުކުމް އިއްވައިދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލައިގެ ހުކުމްގެ ކުރިން ބަލަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި މިއަދު ހުކުމް ކުރަން ދަތިވާނެ ކަމަަށެވެ. ނަމަވެސް އެ މައްސަލައަކީ ވަރަށް އަވަހަށް ހުކުމް އިއްވަން ޖެހޭ މައްސަލައެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލާގައި ވަކި ގޮތެއް ކަނޑައެޅެންދެން އެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ ހުކުމާ ގުޅިގެން އެއްވެސް ކަމެއް ތަންފީޒުނުކުރަން އިދާރާތައް ސުޕްރީމް ކޯޓުން އެ އަމުރުގައި އަންގާފައިވެ އެވެ.