ހަބަރު

ޖޭޕީއަކީ ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔާނެ ޕާޓީއެއް: ގާސިމް

ޖުމްހޫރީ ޕާޓީއާ ގުޅުމުގެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށް އޮންނާނެ ކަމަށާއި އެކަމަށް އެ ޕާޓީއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގައި ވެސް މީގެކުރިން މަސައްކަތް ކުރެއްވި އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް މިއަދު އެ ޕާޓީގެ މައި އޮފީސް، މ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް ވަނީ އަލްހާނަށް މަރުހަބާ ދަންނަވައި ޖުމްހޫރީ ޕާޓީގެ މަގުސަދުތައް ހާސިލްކުރުމުގައި އެނާގެ އެއްބާރުލުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި އެ ޕާޓީއާ ގުޅުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ގާސިމް ވަނީ ދެއްވާފަ އެވެ.

ގާސިމް ވިދާޅުވީ، ތައުލީމީ ގާބިލު މީހުން ޖުމްހޫރީ ޕާޓީއާ ގުޅޭ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށެވެ. އެއީ އެ ޕާޓީއާއި އެމަނިކުފާނު ވަރަށް އުފާކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަލްހާން ޖޭޕީއާ ގުޅިވަޑައިގެންފައި ވަނީ، ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ހަފްތާގައި ސަރުކާރާ ގުޅުމަށްފަހު، އިންތިހާބުން ޔާމީން ބަލިވެވަޑައިގެންނެވުމުން، ސަރުކާރުގެ ފަޅިން ވަކިވުމަށްފަހު އެވެ. ރައީސް ޔާމީންގެ ސަރުކާރާ ގުޅިގެން ހުންނެވި މަދު ދުވަސްތަކުގައި އޭނާ ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޕޯޑިއަމްތަކުގައި ވެސް ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވެރިކަމަށް ހޮވި ވަޑައިގެންނެވި ހިސާބުން ކޮޅު ބަދަލުކޮށް، އިބޫއަށް ވަރަށް ބޮޑަށް ތައުރީފްކުރެއްވި އެވެ.

ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު އޭނާ މިއަދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ނިޒާމް މިހާތަނަށް އައިސްފައި އޮތްގޮތުން އެއް ޕާޓީއިން އަނެއް ޕާޓީއަށް ސިޔާސީ މީހުން ބަދަލުވުމަކީ ބަލައިގަންނަން ދަތިކަމަކަށް އޮންނަނީ ވެފަ ކަމަށެވެ. ނަމަވެސް އެއީ ދުނިޔޭގައިވެސް އާ ކަމެއް ނޫން ކަމަށާއި ސިޔާސީ މަސައްކަތް ކުރެވޭނީ އެވަގުތަކު، ހާސިލް ކުރަން ބޭނުންވާ ކަމެއް ހާސިލްކުރެވެން އޮންނަ އެންމެ ރަނގަޅު ގޮތަކަށް ކަންކަން ކޮށްގެން ކަމަށެވެ. އޭނާ މަސައްކަތް ކުރައްވަނީ އެގޮތަށް ކަމަށާއި އެކަމަކު އަބަދުވެސް މަސައްކަތް ކުރަނީ އޭނާގެ ފަރާތުން ރައްޔިތުންނަށް ހިދުމަތެއް ކުރެއްވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ކުރެއްވި އަލްހާން އެންމެ ފުރަތަމަ ހަރަކާތްތެރިވީ ރައީސް މައުމޫންގެ އަރިހުގައި ޑީއާރްޕީގަ އެވެ. އޭގެފަހުން ކުލަގަދަ ޖަލްސާއެއްގައި އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އެމްޑީޕީ ތެރެއިން ނިއު އެމްޑީޕީއެއް އުފައްދަން އުޅުއްވުމަށްފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެތެވެ. އަނެއްކާ އެ ޕާޓީއިން ވެސް ވަކިވެ، އެމްޑީޕީއާ އަލުން ގުޅުނެވެ. އެމްޑީޕީއިން އޭނާ އެ ފަހަރު ވަކިކުރީ އެވެ.