ހަބަރު

މެންބަރު ޝަހުދީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި

ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ މިއަދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.

މިއަދު ކުނޫޒުގައި އޮތް ރަސްމިއްޔާތެއްގައި ޝަހުދީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައިވާއިރު، އޭނާ ޕާޓީއަށް ވަނުމަށް އެދޭ ފޯމާ ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ރައީސް އަލީ ވަހީދެވެ.

ހަނިމާދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި ޝަހުދީ މަޖިލީހަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ. ނަމަވެސް ފަހުން ޝަހުދީ ވަނީ ޖުމްހޫރީ ޕާޓީއިން ވަކިވެ ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.

އޭނާ ޕީޕީއެމްއިން ވަކިވެވަޑައިގެންނެވީ 2017 ވަނަ އަހަރު އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރެއްވުމަށްފަހު އެވެ. ޕީޕީއެމްއިން ވަނީ އެ ގަރާރުގައި ކުރެއްވި ސޮއި ޝަހުދީ ނުނެގުމުން ސުލޫކީ ފިޔަވަޅެއްގެ ގޮތުގައި ޕާޓީއިން ވަކިކޮށްފަ އެވެ.

އޭރު ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންގެ ހުކުމް ނުވަތަ މެންބަރަކު އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ އުސޫލު ވުޖޫދުކޮށްފައިވާތީ އިލެކްޝަން ކޮމިޝަނުން ވަނީ ޝަހުދީގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފަ އެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ގޮނޑި ގެއްލުވާލުމުން ޝަހުދީ ހުށަހެޅި ދުސްތޫރީ މައްސަލާގައި އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ.