ހަބަރު

ހަތަރު ލީޑަރުން މިއަދު ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވަނީ

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކޯލިޝަންގެ ހަތަރު ލީޑަރުން މިއަދު ބައްދަލު ކުރެއްވުމަށް ނިންމަވައިފި އެވެ. މިއީ އެ ހަތަރު ބޭފުޅުން އެއް ތަނަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައްދަލު ކުރެއްވުމަށް ނިންމަވާފައިވަނީ މިއަދު މެންދުރުފަހު ހޮޓެލް ޖެންގަ އެވެ.

ރިޔާސީ އިންތިހާބަށްފަހު އެންމެ ފުރަތަމަ މިނިވަންވެފައިވަނީ ރައީސް މައުމޫނެވެ. އެމަނިކުފާނު ކަފާލާތުގެ ދަށުން ހައިކޯޓުން މިނިވަންކުރި އެވެ. މިހާރު ވަނީ ޖަލު ހުކުމް ވެސް ބާތިލްކޮށްފަ އެވެ. ގާސިމްގެ ވެސް ކަފާލާތުގެ ދަށުން މިނިވަންކުރުމުން ރާއްޖެ ވަޑައިގެންނެވި އެވެ.

އެ ދެ ބޭފުޅުން އޭގެފަހުން ވަނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

ކުރީގެ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުން އިމްރާން މިނިވަން ކުރީ ވެސް އެ ދުވަހު އެވެ. އިމްރާނާއި ރައީސް ނަޝީދު ވަނީ މީގެކުރިން ބައްދަލު ކުރައްވާފަ އެވެ. ގާސިމް ވެސް ވަނީ ރައީސް ނަޝީދާ ބައްދަލު ކުރައްވާފަ އެވެ. ޖަޒީރާ ހޮޅުއަށިގެ ނަމުގައި ބޭއްވި ހަރަކާތުގައި ތިން ބޭފުޅުން އެކުގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރައީސް މައުމޫން މިވީ ދުވަސްތަކުގައި ހުންނެވީ ބޭސްފަރުވާއަށް މެލޭޝިއާގަ އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. ހަތަރު ލީޑަރުން މިއަދު ފުރަތަމަ ފަހަރަށް ބައްދަލުކުރާއިރު މިއީ ތާރީހީ ބައްދަލުވުމަކަށްވާނެ އެވެ.