ހަބަރު

މަހަކު އެއް ފަހަރު ލީޑަރުން ބައްދަލުކޮށް އިބޫއަށް ލަފާ އަރުވަނީ

ރިޔާސީ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދި ކޯލިޝަންގެ ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.

ހަތަރު ލީޑަރުންނާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފުރަތަމަ ފަހަރަށް ވަނީ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ނިންމި އެންމެ މުހިންމު ނިންމުމަކީ ކޮންމެ މަހަކު އެއް ފަހަރު ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ބާއްވަން ނިންމުން ކަމަށެވެ.

"އެ ބައްދަލުވުންތަކުގައި ގައުމުގައި ހުރި މުހިންމު ކަންކަމާ ގުޅޭ މަޝްވަރާކުރުމަށްފަހު އަޅުގަނޑަށް ލަފާ އަރުވާ ގޮތަށް ހަމަޖެހިގެން މިދިޔައީ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މިއަދު ނިންމި ނިންމުމަކީ ސިޔާސީ ހިޔާލު ތަފާތުވުންތަކާއެކު ވެސް ރައްޔިތުން އެދޭ އެދުންތައް ހާސިލްކުރަން އެއްބަސް ކިޔާނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ގައުމުގެ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން އިންތިހާބީ ރައީސް އިބޫއަށް ލަފާ އަރުވާނެ ކަމަށެވެ. ކަންކަން ނިންމުމުގެ އެންމެ އިސްވެރިޔާއަކީ ރައިސުލްޖުމްހޫރިއްޔާ ކަމަށާއި ލީޑަރުން ރައިސުލްޖުމްހޫރިއްޔާއަށް އަރުވާނީ ލަފާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

"ރައިސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމުން އެ ނިމުނީ، އަޅުގަނޑުމެން އަރުވާނީ ލަފާ، އަޅުގަނޑުމެންނަކީ ކަންކަން ނިންމާނެ ބައެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ހިނގައިގެން ދިޔަ ފަދަ ގާނޫނީ އިމުން ބޭރު އަމަލުތައް ކުރިއަށް ފެންނަން ބޭނުން ނުވާ ކަމަށެވެ. ގާނޫނާ ހިލާފަށް މީހުން ބަންދުކޮށް ދިރިއުޅުން ހަލާކުކޮށްލުމަކީ އެދޭ ކަމެއް ނޫން ކަމަށެވެ. ބިރެއް ނެތި ސުލްހަވެރިކަމާއެކު އުޅޭ މީހަކަށް ކޮންމެ ރައްޔިތަކު ވެސް ހެދުމަކީ އާ ސަރުކާރުގެ އަމާޒު ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވަނީ އިބޫގެ ފަހަތުގައި އަބަދުވެސް ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސް ނަޝީދު ވެސް ވިދާޅުވީ މިއަދު ނިންމުނީ މުހިންމު ނިންމުންތަކެއް ކަމަށެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ ކޯލިޝަން ދެމެހެއްޓުމަށާއި އެކުވެރިކަމާއެކު މަސައްކަތް ކުރުމަށް އިތުރަށް އަތުކުރި އޮޅާލެވިއްޖެ ކަމަށެވެ. މި ގައުމަށް މަންފާ ހޯދުމަށް އިހްލާސްތެރިކަމާއެކު ކޯލިޝަން މަސައްކަތް ކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އިމްރާން އަބްދުﷲ ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ ވަރަށް ތާރީހީ ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުން އެނގިގެން ދިޔައީ އަންނަ ސަރުކާރަކީ ރައްޔިތުންގެ ބަސް އޮންނަ ސަރުކާރެއްކަން ކަމަށާއި ހަތަރު ޕާޓީގެ ލަފާ އާއި މަޝްވަރާގެ މަތިން ކަންކަން އިބޫ ކުރިއަށް ގެންދަވާނަމަ އެއީ ރައްޔިތުންގެ ރުހާއި ވިސްނުމާ އެއްގޮތަށް ކުރިއަަަށް ގެންދާ ކަންކަމަށް ވާނެ ކަމަށެވެ.