ހަބަރު

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފި އެވެ. މޯދީ ރާއްޖެ ވަޑައިގެންނެވީ އެއާ އިންޑިއާގެ ހާއްސަ ބޯޓެއްގަ އެވެ.

މިއަދު ހަވީރު 4:00 ގައި މޯދީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބާވަޑައިގެންނެވިއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިހާރު ރާއްޖޭގައި ހުންނެވި އެންމެ އިސްވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދެެވެ.

މިއީ މޯދީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެކުރިން މޯދީ ރާއްޖެ ވަޑައިގެންނެވުމަށް އެކި ފަހަރު މަތިން ހަމަޖެހުނެވެ. ރައީސް އަބްދުﷲ ޔާމީން ވެސް އެކި ފަހަރު މަތިން މޯދީއަށް ދައުވަތު ވެސް އެރުވި އެވެ. ދެކުނު އޭޝިއާގައި މޯދީ ވަޑައިނުގަންނަވާ ހަމައެކަނި ގައުމަކަށް މިހާރު އޮތީ ވެސް ރާއްޖެ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާއެކު އޮތް ގުޅުމަށް ވަނީ ބުރޫއަރާފަ އެވެ.

ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން މޯދީ ވަނީ ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ. މޯދީ ވިދާޅުވީ އިބޫގެ އާ ސަރުކާރާއެކު، އިންފްރާސްޓްރަކްޗާ އާއި، ސިއްހީ ދާއިރާއާއި، ހިއުމަން ރިސޯސް ޑެވެލޮޕްމަންޓާއި އެނޫންވެސް އެކި ދާއިރާތަކުން ވަރަށް ގާތުން މަސައްކަތް ކުރަން އިންޑިއާ އޮތީ ތައްޔާރަށް ކަމަށެވެ.

މޯދީ ރާއްޖެ ވަޑައިގެންނެވީ އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައިސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވާ ރަސްމިއްޔާތަށެވެ. އިބޫއާ ގުޅޭ ގޮތުން ވެސް މޯދީ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

މޯދީ ވިދާޅުވީ އިބޫ ހުވާ ކުރައްވާ ތާރީހީ ރަސްމިއްޔާތަށް މާލެއަށް ވަޑައިގެންނެވޭތީ އުފާކުރައްވާ ކަމަށެވެ. އިންތިހާބުގައި އިބޫ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށާއި، އެ ކާމިޔާބީ ރަމްޒުކޮށްދެނީ ޑިމޮކްރަސީ އާއި ގާނޫނުވެ ވެރިކަން ހިންގުމާއި، ބާއްޖަވެރި މުސްތަގުބަލެއް ހޯދުމަށް ދިވެހި ރައްޔިތުން ބޭނުންވެފައި ތިއްބެވި މިންވަރު ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފަ އެވެ.