ހަބަރު

ރައީސް ސޯލިހުގެ ފުރަތަމަ ރަސްމީ މަސައްކަތަކަށް މޯދީއާ ބައްދަލުކުރެއްވުން

ރާއްޖޭގެ ރައީސް ކަމަށް މިއަދު އަލަށް ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ރަސްމީ މަސައްކަތްޕުޅެއްގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލުކުރައްވައިފި އެވެ.

ރައީސް ސޯލިހް، މޯދީއާއި ބައްދަލުކުރައްވާފައި ވަނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ރައީސް އޮފީހަށް ވަޑައިގެން އެ އޮފީހުގަ އެވެ. މިއީ އާ ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ ރަސްމީ މަސައްކަތެއްގެ ގޮތުން ރައީސް ސޯލިހްގެ ފުރަތަމަ މަސައްކަތްޕުޅުކަށް ވެސް ފާހަގަކޮށްލެވެ އެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖެ އިންޑިއާގެ ގުޅުމަށް ވަރަށް ބޮޑަށް ބުރޫ އަރައި ދެ ގައުމުގެ ގުޅުން ހީނަރުވެފައި ވަނިކޮށް ރައީސް ސޯލިހްގެ ދައުވަތުފުޅަކަށް އެމަނިކުފާނުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެން، އެމަނިކުފާނާއި މޯދީ ބައްދަލުކުރުން ވެގެންދާނީ ދެގައުމުގެ ހަމަޖެހުމަށް ލިބޭނެ ބޮޑު ހިއްވަރަކަށް ކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެ އެވެ.

ރާއްޖެ އަށް ވަޑައިގެންނެވުމުގެ ކުރިން ކުރިން މޯދީ ވެސް ވަނީ ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އިބޫގެ އާ ސަރުކާރާއެކު، އިންފްރާސްޓްރަކްޗާ އާއި، ސިއްހީ ދާއިރާއާއި، ހިއުމަން ރިސޯސް ޑެވެލޮޕްމަންޓާއި އެނޫންވެސް އެކި ދާއިރާތަކުން ވަރަށް ގާތުން މަސައްކަތް ކުރަން އިންޑިއާ އޮތީ ތައްޔާރަށް ކަމަށާއި ރާއްޖެ ވަޑައިގެންނެވޭތީ އުފާކުރައްވާ ކަމަށް ވެސް މޯދީ ވަނީ ވިދާޅުވެފަ އެވެ.

މޯދީ މިއަދު ރާއްޖެއަށް ވަޑައިގެންފައިވަނީ ހަވީރު 4:00 ގައި އެއާ އިންޑިއާގެ ހާއްސަ ބޯޓެއްގަ އެވެ. އަދި މިރޭގެ ވަގުތެއްގައި އެނބުރި އިނޑިއާއަށް ފުރާވަޑައިގަންނަވާނެ އެވެ.