ހަބަރު

ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރުގެ ޝަރަފް މާރިޔާއަށް!

ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރަކަށް ކުރީގެ މަޖިލިސް މެންބަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އައްޔަންކުރައްވައިފި އެވެ. މާރިޔާ މީގެ ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރަކަށެވެ.

އެކަމަނާ، މަގާމަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މީގެ އިރުކޮޅެއް ކުރިން ރައީސް އޮފީހުގައި ވަނީ ބާއްވައިފަ އެވެ.

މާރިޔާ އަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަރަށް އަރިސް ބޭފުޅެކެވެ. އެކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވުމުގައި ގިނަ ދުވަސް ހޭދަކުރެއްވުމުގެ އިތުރުން، ރައީސް ސޯލިހްގެ ކެމްޕޭން ކަންތައްތަކުގައި ވެސް އިސްކޮށް އުޅުއްވި އެވެ. އަދި ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި ހިސާބުން އެމަނިކުފާނުގެ ތަރުޖަމާނެއްގެ ގޮތުގައި ވެސް މާރިޔާ ހިދުމަތްކުރެއްވި އެވެ.

މާރިޔާ އަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެކަމަނާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ގާނޫނީ ވަކީލް ކަމުގެ ޝަރަފު އޮންނެވި ބޭފުޅެއްވެސްމެ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައިވެސް ގާނޫނީ ދާއިރާއިން ސަރުކާރަށް ހިދުމަތްކުރެއްވި އެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ކަމުގެ ޝަރަފާއެކު މާރިޔާ، ރައީސް ސޯލިހްގެ ކެބިނެޓާއި ގުޅިވަޑައިގަންނަވާއިރު، އެކަމަނާއާއެކު އިތުރު 18 ވަޒީރުން ކެބިނެޓްގައި މަސައްކަތްކުރައްވާނެ އެވެ.