މިއަދު މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓް އިއުލާން ކުރައްވައިފި އެވެ. ރައީސް ސޯލިހުގެ ކެބިނެޓްގައި ތިއްބަވަނީ ބަންޑާރަ ނައިބާ ނުލާ 19 މިނިސްޓަރުންނެވެ.
ރައީސް ސޯލިހުގެ ކެބިނެޓް ފައިނަލް ކުރެއްވީ ހަތަރު ލީޑަރުންނާއެކު ބައްދަލުވުމަށްފަހު އެވެ. އެ ބައްދަލުވުމަށް ލީޑަރުން ވަޑައިގެންނެވީ ކެބިނެޓަށް އެ ބޭފުޅުން އައްޔަން ކުރައްވަން ބޭނުންފުޅާ ބޭފުޅުންގެ ނަންތައް ހިއްޕަވައިގެންނެެވެ. އެ ބައްދަލުވުމުގައި ބައެއް ލީޑަރުން ވަނީ ކެބިނެޓްގެ ބައެއް މަގާމުތައް ދޫކުރައްވައި އެންމެން އެއްބަސްވާ ނަންތަކަށް ތާއިދު ވެސް ކުރައްވާފަ އެވެ.
ކެބިނެޓް ބަހާލާފައިވަނީ ޕާޓީތަކުގެ މެދުގަ އެވެ. އެގޮތުން އެމްޑީޕީއަށް ކެބިނެޓްގެ 40 ޕަސެންޓް ދީފައިވާއިރު ޖުމްހޫރީ ޕާޓީއަށް ދިނީ 25 ޕަސެންޓެވެ. ރައީސް މައުމޫނަށް 20 ޕަސެންޓް ދީފައިވާއިރު އަދާލަތު ޕާޓީއަށް ދިނީ 15 ޕަސެންޓެވެ.
ރައީސް ސޯލިހު މިރޭ އެކުލަވާލި ކެބިނެޓްގައި ގިނަ އަދަދެއްގެ އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. ޖުމްލަ 19 މިނިސްޓްރީގެ ތެރެއިން ހަތް މިނިސްޓްރީ ދީފައިވަނީ އަންހެން ބޭފުޅުންނަށެވެ.
ކެބިނެޓް:
- ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (އެމްޑީޕީ)
- ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ (އެމްޑީޕީ)
- ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (އަދާލަތު ޕާޓީ)
- ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (އެމްޑީޕީ)
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (އެމްއާރްއެމް)
- ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް (އެމްޑީޕީ)
- ހެލެތް މިނިސްޓަރު އަބްދުﷲ އަމީން (ޖުމްހޫރީ ޕާޓީ)
- ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލާހު ޖަމާލު (ޖުމްހޫރީ ޕާޓީ)
- އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ (އެމްޑީޕީ)
- ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ޖުމްހޫރީ ޕާޓީ)
- އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް (އެމްޑީޕީ)
- ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު (އެމްއާރްއެމް)
- އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު (އަދާލަތު ޕާޓީ)
- ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ (އެމްއާރްއެމް)
- ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް (އެމްޑީޕީ)
- ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް (އަދާލަތު ޕާޓީ)
- ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ (ޖުމްހޫރީ ޕާޓީ)
- އެންވަރައިމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު (ޖުމްހޫރީ ޕާޓީ)
- އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން (އެމްއާރްއެމް)
- އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު
ކެބިނެޓްގެ އެ މަގާމުތަކުގެ އިތުރުން ރައީސްގެ ޗީފް އޮރް ސްޓާފްގެ މަގާމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިރޭ ވަނީ އައްޔަން ކުރައްވާފަ އެވެ. އެއީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ. ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް އަލީ ޝިޔާމް ވެސް ވަނީ އައްޔަން ކުރައްވާފަ އެވެ.
ރައީސް އޮފީހުގެ އެހެން އިސް މަގާމުތަކަށް ވެސް މިރޭ ވަނީ ބޭފުޅުން އައްޔަން ކުރައްވާފަ އެވެ. އެގޮތުން ސެކެޓަރީ ކޯޕަރޭޓް ސާވިސްއަށް ހުސެއިން އާމިރާއި ސެކެޓަރީ ކެބިނެޓް އެފެއާޒް އަހުމަދު ހަސަން ދީދީ އާއި ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަގާމަށް ހުސެއިން އާދަމާއި ސެކެޓަރީ ޕޮލިސީގެ މަގާމަށް އައިމިނަތު ޝައުނާ އާއި ލީގަލް ކައުންސިލް ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް އަހުމަދު އަބްދުﷲ އަފީފާއި ސެކެޓަރީ ކޮމިއުނިކޭޝަންސްގެ މަގާމަށް ހަސަން އިސްމާއިލް އަދި ސެކެޓަރީ އިން ފޮރިން ރިލޭޝަންގެ މަގާމަށް ސަބްރާ ނޫރައްދީން ވަނީ އައްޔަން ކުރައްވާފަ އެވެ. އެ ބޭފުޅުން އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމަކަށެވެ.