ރައީސް ސޯލިހުގެ 100 ދުވަސް

މަސްވެރިންނަށް ވިއްކާ ޑީސަލުން ޑިއުޓީ ކަނޑާލަނީ

އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ވިއްކާ ޑީސަލްގެ ޑިއުޓީ ކަނޑާލަން ނިންމައިފި އެވެ.

ސޯލިހު ސަރުކާރުން 100 ދުވަހުން މަސްވެރިންނަށް ކޮށްދޭނެ ކަންތައްތަކުގެ ތެރޭގައި މަސްވެރިކަމަށް ނުކުންނަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސެލް ގެ އިމްޕޯޓް ޑިއުޓީ ކަނޑާލުން ހިމެނެ އެވެ. މީގެ އިތުރުން މަސްވެރިން ކިރުވާ މަހަށް ފަސޭހައިން ފައިސާ ލިބޭނެ ނިޒާމެއް ގާއިމް ކުރުން ވެސް ހިމެނެ އެވެ. އެގޮތުން "މަސް ދޯނި އެކައުންޓް" ހުޅުވި، ރާއްޖޭގެ ހުރިހާ މަސްވެރިން ބޭންކިން ނިޒާމްގެ” ތެރެއަށް ވަދެވޭނެ މަގު ތަނަވަސްކޮށްދެވި، ރަށަށް ވަންނަ ފައިސާ ރަށުގައި ޖަމާކޮށް ނެގޭނެ ވަސީލަތްތައް ޤާއިމްކުރެވޭނެ އެވެ. އަދި ބޭންކު ލޯންތަކާއި ކްރެޑިޓް ސްކީމްތައް މަސްވެރިންނަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާދެވޭނެ ކަމަށް ބުނެފައިވެ އެވެ.

މަސްވެރިކަމުގެ ސިޔާސަތު ކުރުކޮށް

  • ޑީސަލްގެ ޑިއުޓީ ކަނޑާލުން
  • މަސްވެރިން އެކައުންޓް ތައާރަފު ކުރުން
  • ޑައިމަންޑް ބެކް ސްކުއިޑް މަސްވެރިކަން ތައާރަފު ކުރުން

މަސްވެރިކަމުގެ އެހެން ސިޔާސަތުތަކުގެ ތެރޭގައި އުޅަނދު ފަހަރުގައި ގާއިމް ކުރާނެ މަސް ފިނިކުރާނެ ނިޒާމު ގަތުމަށް ލުއި ލޯނު ދޫކުރަން ހިމެނެ އެވެ. އަދި ރާއްޖޭގައި މިހާރު ގާއިމްކޮށްފައިހުރި އައިސް ޕްލާންޓް ތަކުތެރެއިން، އޮޕަރޭޓްނުކޮށް ހުރި ނިޒާމުތައް އޮޕަރޭޓް ކޮށް، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ހެދުން ހިމެނެ އެވެ. މީގެ އިތުރުން ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް) ގެ މަސްވެރިކަން ދިވެހިރާއްޖެ އަށް ތަޢާރަފު ކުރުމާއި މަސްވެރިކަމުގެ ގާނޫނު މުރާޖައާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުންވެސް ހިމެނެ އެވެ.