ކޮމަންވެލްތު ޖަމިއްޔާ

ހަފްތާއެއް ތެރޭ ކޮމަންވެލްތްގައި ރާއްޖެ ބައިވެރިވާން ހުށަހަޅަނީ

Nov 18, 2018
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކޮމަންވެލްތްގައި ބައިވެރިވާން ހުށަހަޅަން ނިންމައިފި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތައް ހިމެނޭ ގޮތުން މިއަދު އާންމުކުރި ލިޔުމުގައިވާ ގޮތުގައި، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރާއްޖެެއިން ކޮމަންވެލްތްގައި ބައިވެރިވުމަށް އަލުން ހުށަހަޅާނެ އެވެ.

އޮކްޓޯބަރު، 16، 2013 ގައި ރާއްޖެ ކޮމަންވެލްތުން ވަކިވީ، ސަރުކާރުގެ އަމަލުތަކާ ގުޅިގެން ރާއްޖެ އެ ޖަމާއަތުން ސަސްޕެންޑް ކުރަން މަސައްކަތް ފެށުމާ ގުޅިގެން އެވެ. ކޮމަންވެލްތްގެ އިތުރުން ރާއްޖެއިން ގުޅުން ކަނޑާލާފައިވާ، އީރާން އަދި ގަތަރާ އެކު އަލުން ގުޅުންތައް ގާއިމް ކުރުމަށް ރައީސް ސޯލިހު ވަނީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވައުދުވެ ވަޑައިގެންފަ އެވެ.

ހުވާ ކުރެއްވުމަށް ފަހު ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގައި އެންމެ މުހިންމު ކަމަކަށް ވާނީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު އިސްކުރުން ކަމަށެވެ. އަދި އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބިނާކުރާނީ، އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީ އަދި ކްލައިމެޓް ޗޭންޖްގެ މައްޗަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އިބޫ ވަނީ އިންޑިއާ އާއި އަވަށްޓެރި ގައުމުތަކާއެކު އޮތް ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގެ ދައުރު ފުރިހަމައަށް އަދާކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެންނަން އޮތް ސާފު ޙަޤީޤަތަކީ، ދިވެހިރާއްޖެ ވޭތުވެދިޔަ ފަސް އަހަރު އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢާ ވަކިވެ، އެކަހެރިވެފައިކަން. ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ، އަޅުގަނޑުމެންގެ އިސް ވާޖިބު،" އިބޫ ވިދާޅުވި އެވެ. "މީގެ އިތުރުން، ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތަކަށް އެހީތެރިވާ އަދި ރާއްޖެއާއެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ގައުމުތަކާއެކު އަޅުގަނޑުމެން ގުޅުން ބަދަހިކުރާނަން."