ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފުރާވަޑައިގެންފި އެވެ.
މޯދީ ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. ރައީސް ސޯލިހު މިރޭ ވަނީ މޯދީއާ ރައީސް އޮފީހުގައި ބައްދަލު ވެސް ކުރައްވާފަ އެވެ.
މިއީ މޯދީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެކުރިން މޯދީ ރާއްޖެ ވަޑައިގެންނެވުމަށް އެކި ފަހަރު މަތިން ހަމަޖެހުނެވެ. ރައީސް އަބްދުﷲ ޔާމީން ވެސް އެކި ފަހަރު މަތިން މޯދީއަށް ދައުވަތު ވެސް އެރުވި އެވެ. ދެކުނު އޭޝިއާގައި މޯދީ ވަޑައިނުގަންނަވާ ހަމައެކަނި ގައުމަކަށް މިހާރު އޮތީ ވެސް ރާއްޖެ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާއެކު އޮތް ގުޅުމަށް ވަނީ ބުރޫއަރާފަ އެވެ.
ރައީސް ސޯލިހާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވިއިރު އެއީ ރައީސް ސޯލިހު ކުރެއްވި ފުރަތަމަ ރައީސް މަސައްކަތްޕުޅެވެ. ރައީސް ސޯލިހު ވަނީ ހުވާ ކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް އިންޑިއާގެ ނަން ފާހަގަ ކުރައްވާފަ އެވެ.
ރައީސް ސޯލިހް އާ ބައްދަލުކުރައްވައި މޯދީ ވަނީ ރާއްޖެއަށް ގިނަ އުންމީދުތަކެއް ދެއްވާފަ އެވެ. މޯދީ ވަނީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅުތަކާއި، އެމަނިކުފާނުގެ ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އިންޑިއާއިން އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރާއްޖެ އިންޑިއާ ގުޅުން ހީނަރުވެފައި ވަނިކޮށް، ރައީސް ސޯލިހްގެ އާ ސަރުކާރާއެކު މޯދީ މިއަދު ރާއްޖެ ވަޑައިގެން، ފޮރިން މިނިސްޓްރީގައި ދެބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. ހާއްސަގޮތެއްގައި އިޖްތިމާއީ އަދި އިގްތިސޯދީ ގުޅުން ދެގައުމުގެ ދެމެދުގައި ހަރުދަނާ ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.