ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއާ ފުރަތަމަ ފަހަރަށް މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އެމްޑީޕީއިން ބުންޏެވެ. ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ެވސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ނަޝީދު، ޗައިނާ ސަފީރާ ބައްދަލު ކުރައްވާފައިވަނީ ޗައިނާއާ ގުޅޭ ގޮތުން އެމަނިކުފާނު ދައްކަވާ ވާހަކަތަކުގައި ހަގީގަތް ނެތް ކަމާއި ހަގީގަތް ހާމަކޮށް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ސަފީރު ވިދާޅުވެފައިވަނިކޮށެވެ.
މިފަހުން ހއ. ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވީ، ޗައިނާގެ ބޭންކްތަކަށް ރާއްޖެ 3.2 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދަކުން ދަރާފައިވާކަމަށާއި، ނަމަވެސް އެ ދަރަނި ދައްކާނީ ކޮށްދިން ކަންކަން ރަނގަޅަށް "މިނެ ކިރައިގެން" އޭގެ އަގަށް ވާވަރުގެ އެއްޗަކަށް ކަމަށެވެ.
އެކަމާއި ގުޅިގެން، "އަވަސް" އަށް ކުރިން ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ނަޝީދު އިސްވެ ހުންނަވައިގެން ޗައިނާއަށް އަމާޒު ކުރައްވާ ތުހުމަތުގައި އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ކަމަށެވެ.
ނަޝީދު ވެރިކަމުގައި ހުންނެވި އިރު، ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަކުރަން މަސައްކަތް ކުރެއްވުމަށްފަހު މިހާރު ވިސްނުންފުޅު ބަދަލުވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ސަފީރު ވިދާޅުވެފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާ ގުޅުން ބަދަހިކޮށް އިންޑިއާއާ ގުޅުން ހީނަރުކޮށްފައިވުމަކީ ރައީސް ނަޝީދު ވަރަށް ބޮޑަށް ވިދާޅުވެފައިވާ ކަމެކެވެ. ރައީސް ނަޝީދު ވަނީ ޗައިނާއިން ރާއްޖެ އަޅުވެތިކުރަން އުޅޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދުވި މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލައްވަން ވެސް ރައީސް ނަޝީދު ތާއިދު ކުރައްވަ އެވެ.