ހަބަރު

އިލްހާމް އަނެއްކާވެސް ޖުމްހޫރީ ޕާޓީއަށް

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމަށްފަހު އެ ޕާޓީ ދޫކޮށްލެއްވި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އަނެއްކާވެސް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

އިލްހާމް ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންނެވުމަށްފަހު، ޕީޕީއެމްއަށް ސޮއި ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ބޮޑު ހަފުލާއެއް ބޭއްވި އެވެ. ނަމަވެސް ރައީސް ޔާމީންއާ ހިޔާލު ތަފާތުވެ އޭނާ ވަނީ ފަހުން ޕީޕީއެމްއިން ވަކިވެވަޑައިގެންފަ އެވެ.

ޕީޕީއެމްއިން އިލްހާމް ވަކިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރެއްވުމަށްފަހު އެވެ. އެ މައްސަލާގައި ޕީޕީއެމްއިން އޭނާގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އަޅައި ޕާޓީއިން ވަކިކުރި އެވެ. އަދި އޭރު ފްލޯ ކްރޮސިންގެ އުސޫލު އޮތުމުން އިލެކްޝަން ކޮމިޝަނުން އޭނާގެ ގޮނޑި ގެއްލުވާލި އެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމިތާ އަހަރެއްހާ ދުވަސް ފަހުން އެ ސުލޫކީ ފިޔަވަޅު ގޯސް ކަމަށާއި އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ. އިލްހާމް ގަރާރުގައި ސޮއި ކުރެއްވުމަށްފަހު އުޅުއްވީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވެ.

އޭނާ ޖެނުއަރީ މަހުގެ ފަހުކޮޅު ރާއްޖެ ވަޑައިގެންނެވުމާއެކު، ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް އެކެއް ފެބުރުއަރީގެ އަމުރަށްފަހު މިނިވަންކުރި އެވެ. އަނެއްކާވެސް އޭނާ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޓެރަރިޒަމްގެ ތުހުމަތާއެކު އެވެ. އިލްހާމް މިނިވަންވެފައިވަނީ ރިޔާސީ އިންތިހާބަށްފަހު އެވެ. އެއަށްފަހު އޭނާ ގެންދަވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.