ރައީސް އޮފީހުގެ މިނިސްޓަރުކަން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް ވެސް ދެއްވައިފި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް މިއަދު ޝިފާޒު އައްޔަން ކުރައްވާފައިވާއިރު ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ނަސީމްއަށް ވެސް ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވާފަ އެވެ. ރައީސް ސޯލިހުގެ ފުރަތަމަ ދުވަހު ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އަލީ ޝިޔާމް ވެސް އައްޔަން ކުރެއްވި އެވެ.
އޭގެއިތުރުން ރައީސް އޮފީހުގެ މިނިސްޓަރުގެ ފެންވަރުގައި ޗީފް އޮފް ސްޓާފްގެ މަގާމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވަނީ އައްޔަން ކުރައްވާފަ އެވެ.
ޝިފާޒަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވާފައިވާއިރު އޭނާއަށް ޔޫތް މިނިސްޓަރުކަން ދެއްވާ އުޅޭ ކަމުގެ އަޑުތައް ކުރިން ފެތުރުނެވެ. ނަމަވެސް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ އަހުމަދު މަހުލޫފެވެ.
މަހުލޫފް ވެސް ވިދާޅުވެފައިވާ ގޮތުން ޔޫތް މިނިސްޓްރީ ސްޕޯޓްސްއާ ވަކިކޮށް ވަކި މިނިސްޓްރީއެއްގެ ގޮތުގައި ހެދުމަށް ކުރިން މަޝްވަރާކުރި އެވެ. ނަމަވެސް ކެބިނެޓް އެކުލަވާލީ ދެ މިނިސްޓްރީ އެއްކޮށްލައިގެންނެވެ. ޝިފާޒަކީ އެމްޑީޕީގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ.