އަވަސް ހުކުރު

އުމަރު ސަރުކާރާ ނުގުޅޭނެ، އިދިކޮޅު ލީޑަރަށްވުމަށް ވިސްނަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މަގާމެއް ގަބޫލު ނުކުރައްވާނެ ކަމަށާއި ޒިންމާދާރު އިދިކޮޅު ހަރަކާތެއްގެ ލީޑަރަކަށްވުމަށް ވިސްނަވަމުން ގެންދަވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ
އެވެ.

އުމަރު މިހެން ވިދާޅުވީ "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެވެ.

ރައީސް ސޯލިހު، ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރައްވާފައިވާއިރު އެމަނިކުފާނުގެ ސަރުކާރުގައި އިސް މަގާމުތައް އަދާކުރެއްވި ބޭފުޅުންނާއި މަޖިލިސް މެންބަރުން ގެންދަވަނީ ކޯލިޝަން ޕާޓީތަކާ ގުޅެމުންނެވެ. ޕީޕީއެމް ބޮޑު މައްސަލަތަކެއްގެ ތެރޭގައި އޮތްއިރު އެ ޕާޓީގެ ކުރިމަގާމެދު ދަނީ ސުވާލު އުފައްދަމުންނެވެ.

ޕީޕީއެމްގެ މިލްކްވެރިކަމާ ގުޅޭ މައްސަލައެއް ވެސް މިހާރު ސުޕްރީމް ކޯޓުގައިވީއިރު އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ވަރަށް ބޮޑަށް ސިޔާސީ މައިދާނުން ގެއްލިފަ އެވެ. އަދި ކޯޓުގެ ހުކުމް އަންނަ ގޮތަކުން ޕީޕީއެމް އެމަނިކުފާނަށް ގެއްލި، ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިބުން އެކަށީގެންވެ އެވެ. އެހެންވެ އިދިކޮޅު ޕާޓީއެއް ނޯވެދާނެ ކަމަށް ބައެއް މީހުން ކަންބޮޑުވެ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވި އުމަރު ނަސީރު އެކަމާ ގުޅޭ ގޮތުން ވިދާޅުވީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި އޭނާ ފެނިގެން ދިޔުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ. ވަރަށް ގިނަ މީހުން އެކަމަށް އެދެމުން ވެސްދާ ކަމަށާއި އެހެންވެ އެކަން ކުރެވޭނެ ގޮތަކާމެދު ވިސްނަމުންދާ ކަމަށެވެ. ޑީއާރްޕީ ރޫޅިގެން ދިޔަ ވަގުތު ވެސް އަލުން ވަރުގަދަ އިދިކޮޅެއް ހެއްދެވީ އޭނާ އިސްކޮށް ހުންނަވާ ކުރެއްވި މަސައްކަތުން ކަމަށް ފާހަގަކުރެއްވި އެވެ.

"ކިހިނެއްތޯ ރާއްޖޭގެ ދީނީ އަދި ގައުމީ ފިކުރުގަ މަސައްކަތް ކުރާ މީހުން އެއްކޮށް ރީގްރޫޕްކޮށް އަލުން ޖަމާކުރާނީ ކިހިނެއްތޯ ވިސްނަމުން މިދަނީ، އަލުން ޖަމާކޮށްފަ ޒިންމާދާރު އިދިކޮޅު ހަރަކާތެއް ފަށާނީ ކިހިނެއްތޯ ވިސްނަމުން މިދަނީ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުގެ މަގާމެއް އޭނާއަށް ލިބުނު ނަމަވެސް އެ ފުރުސަތު އޭނާ ބޭނުން ނުވާ ކަމަށެވެ. ރައީސް ސޯލިހުގެ ވެރިކަން ވެސް ފެށިގެން ދިޔައީ ކޮރަޕްޝަންގެ ހާއްޔަކުން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނުގެ ވަރުގަދަ ސިޔާސަތުތަކެއް ވެސް އަދި ނުފެންނަ ކަމަށް އުމަރު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ފަހަތުގައި ތިއްބެވި ހަތަރު ލީޑަރުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ނޫނިއްޔާ އޭނާ ސިޔާސީ މަސައްކަތް ކުރައްވަން ހުންނެވީ ތައްޔާރަށް ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންނަމަވެސް ރިޔާސީ ކެންޑިޑޭޓަކަށްވ ވާންޖެހޭނީ އޭނާ ކަމަށް ވިދާޅުވި އެވެ.

"އެ ބޭފުޅުން، އެ ބޭފުޅުން ކެންޑިޑޭޓުންނަށް ވެގެން، ނޫނީ ދަރިން ކެންޑިޑޭޓުންނަށް ހަދައިގެން އެމީހުން ޕްރޮމޯޓްކޮށްދޭން އެމީހުން ކޮނޑަށް ލައިގެން ހިނގާ މީހަކަށް އަޅުގަނޑު ނުވާނަން އެއްގޮތަކަށް ވެސް، ސިޔާސީ ގުލާނުކޮށް ދިނުން މިހާރު ނިމުނީ، ސިޔާސީ ގުލާނުކޮށްދޭނަން އެއްވެސް ބޭފުޅަކަށް،" އުމަރު ވިދާޅުވި އެވެ.

"އެހެނެއް ނޫން އެ ބޭފުޅުން އަޅުގަނޑުގެ ސިޔާސަތުތަކަށް ތާއިދުކުރާ ކަމަށްވާނަމަ އަޅުގަނޑު ވެލްކަމް ކުރާނަން،"

ވަރަށް ގިނަ ސިޔާސީ ބޭފުޅުންގެ މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހާ ދިމާލަށެވެ. އުމަރު ނަސީރުއާ ވަރަށް އެކުގައި މަސައްކަތް ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވަނީ އެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. ނަމަވެސް އުމަރުގެ އެފަދަ ވިސްނުމެއް ނެތެވެ.

"އަޅުގަނޑު ގަސްދެއް ނުކުރަން މަޖިލީހަށް ދާކަށެއް، އެއީ މަޖިލިސްއަށް ގޮސްގެން އަޅުގަނޑު މި ވަކާލާތު ކުރާ ކަންތައްތަކެއް ނުއެއް ނެރެވޭނެ، ސިޔާސީ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް އައިސްގެން މިކަންކަން ކުރެވޭނީ،" އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު ސާފުކޮށް މި ދަންނަވަނީ، ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް ނުކުރޭނެ ރާއްޖެ އަމާން ތަނަކަށް ހަދާކަށް، އެވަރުގެ ހިތްވަރާއި އެވަރުގެ ގަޓެއް އެމީހުންގެ ނުހުންނާނެ، ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް ނުކުރޭނެ ކޮރަޕްޝަން ނައްތާލާކަށް، އިބޫ ސޯލިހަށް ކުރުނުތޯ ކޮރަޕްޓް މީހަކު ގެނެސް ކައިރީގަ ބަހައްޓާފަ މީނައަށް ވަޒީރުކަން ދޭށޭ ބުނީމަ ނޫނެކޭ ބުނަން، ނުކެރުނޭނޫންތޯ،"

އުމަރު ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވުމަށް އޭނާގެ ވާތުން ކަނާތް ކަނޑާލަން ޖެހުނަސް އެކަން ވެސް އޭނާ ކުރަން ކެރޭނެ އެވެ. އެވަރުގެ ހިތްވަރާއި ގަޓް ނެތިއްޔާ ވެރިކަމުގެ ގޮނޑިއަށް އައިސްގެން ނުވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.