ހަބަރު

މޯދީ ރާއްޖެ ވަޑައިގަތީ "ޑީލް"އެއްގެ ދަށުން ކަމަށް ތުހުމަތުކޮށްފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންނެވީ އިންޑިއާއަށް ފައިދާވާނެ ސިއްރު "ޑީލް"އެއްގެ ދަށުން ކަމަށް ޕީޕީއެމްގެ ކުރީގެ އެސްޖީ އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

މޯދީ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ. އެ ރަސްމިއްޔާތަށްފަހު ރައީސް ސޯލިހާ ބައްދަލު ކުރެއްވުމަށް މޯދީ ވަނީ އެނބުރި އިންޑިއާއަށް ވަޑައިގެންފަ އެވެ.

ހަލީލު މިއަދު ވިދާޅުވި ގޮތުގައި، މޯދީ ރާއްޖެ ވަޑައިގަތް ޑީލްގެ ދަށުން ހެލިކޮޕްޓަރު ބޭއްވުމާއި އިންޑިއާގެ ސިފައިން އިތުރުކުރުން ހިމެނެ އެވެ.

އިންޑިއާއިން ރާއްޖެ ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ކުރީގެ ސަރުކާރުން ވަނީ އެ ދެ ހެލިކޮޕްޓަރު އަނބުރާ ގެންދިޔުމަށް އިންޑިއާއަށް އަންގާފަ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ އަނބުރާ ފޮނުވާނުލާން ނިންމާފަ އެވެ.

އެކަމާ ގުޅިގެން ބައެއް މީހުން ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ. ހެލިކޮޕްޓަރާއެކު އިންޑިއާގެ 40 ސިފައިން ގަމުގައި ސްޓޭޝަންވެގެން ތިބެ އެވެ،

ހަލީލު އިތުރަށް ވިދާޅުވީ ޑީލްގެ ދަށުން އައިހެވަން އިންޑިއާއަށް ދިނުމާއި އައްޑޫ ހިތަދޫ އަދި ޅ. މާފިލާފުށީގައި ހަދާ ޓްރެއިނިން ސްކޫލް އޮޕަރޭޝަނަށް ގެނައުން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް މިއީ ހަލީލަށް ކިހިނެއް ލިބިފައިވާ މައުލޫމާތެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ވެރިކަމުގެ ލައްޒަތުގައި ޖެހި ބަޔަކު ރާއްޖެ މިގެންދަނީ އަޅުވެތިކަމާ ދިމާލަށް، ވަގުތު ފާއިތުވުމުގެ ކުރިން ވިސްނާ، އަޑު އިއްވާ، ނުރައްކަލުގެ ރަނގަބީލްގެ އަޑު އެންމެ ހަފުތާއަކުން ޖަހަން ފަށާނެ،" ހަލީލް ވިދާޅުވި އެވެ.

އިންޑިއާއާ މި ސަރުކާރުން ގާތް ގުޅުމެއް ބާއްވާތީ ކުރީގެ ސަރުކާރުގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރާއިރު އެ ސަރުކާރުގައި އިންޑިއާއާ އޮތް ގުޅުމަށް ވަރަށް ބޮޑަށް ބުރުއެރި އެވެ. ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އިންޑިއާގެ ބަދަލުގައި ޗައިނާއާ ގާތް ގުޅުމެއް ބާއްވާފަ އެވެ. އެކަމަށް މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ފާޑުވިދާޅުވި އެވެ. ޗައިނާގެ އަޅުވެތިކަމަށް ރާއްޖެ ގެންދާ ކަމަށް ވެސް ބުންޏެވެ.