ހަބަރު

ސްމިތް މައްސަލާގައި ކަންކަން ދިޔައީ އެންމެ ރަނގަޅަކަށް ނޫން: އިމްރާން

Nov 24, 2018
10

ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހު ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްްޓް އަލީ ހާޝިމް، ސްމިތުގެ މައްސަލައިގައި ކަންކަން ހިނގާ ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުއްޖެ އެވެ.

ސްމިތް މިދިޔަ ބުދަ ދުވަހު ހައްޔަރުކުރުމަށްފަހު، ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފަ އެވެ. އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަ ނުވަނީސް މިދިޔަ ބުރާސްފަތި ދުވަހު ހަވީރު 5:50 ހާއިރެވެ. އެކަމާ ގުޅިގެން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފަ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސްމިތް ދޫކޮށްލާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަަމަށް ބުނެވިދާނެ ކަމަށާއި ނަމަވެސް އެ މައްސަލާ މިހާރު ޕްރޮސެކިއުޓް ކުރުމަށް ތައްޔާރުކޮށްފައިވާ ކަމަށެވެ.

"ފަހަރުގައި އެކަން ހިނގާދިޔަ ގޮތް އެއީ އެންމެ ރަނގަޅު ނޫން ގޮތް ކަމުގައި ބުނެވިދާނެ، ނަމަވެސް އަޅުގަނޑު އެކަން ހިނގާ ދިޔަގޮތް ފަހުން ބެލިއިރުގައި އެބޭފުޅުން އެމައްސަލައިގެ ތަހްގީގް ނިންމެވުމަށްފަހުގައި އެމައްްސަލަ ޕްރޮސެކިއުޓް ކުރުމަށް ތައްޔާރު ކުރުމަށް ނިންމަވާފައި އޮތް ކަމުގައި ހަބަރު ލިބިފައި އޮތީ،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެމައްސަލާގައި ބައެއް ކަންކަން ގޮސްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެމައްސަލާގައި ބަލަން ޖެހޭ އިތުރު ކަންކަން އެބަހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އެމައްސަލާގައި އަމަލު ކުރެއްވި ބޭފުޅުން ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ބައްލަވާފަ މައްސަލަަ ނިންމަވާފައި އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ، އެހެން ނަމަވެސް އޭގައި ސުވާލު ކުރައްވަން ޖެހޭ ނުވަތަ އެންމެ ރަނގަޅު ނޫންގޮތަށް ބައެއް ކަންކަން ހުރި ކަމަށް ބުނެވިދާނެ، އެހެން ނަމަވެސް މައްސަލައިގެ އަސްލު ޒާތަށް ބަލާއިރުގައި ޕޮލިހުގެ ބައެއް އުސޫލްތައް އެގޮތަށް ގެންދެވިފަ އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުން ބުނެފައިވަނީ، އަލީ ހާޝިމް ދޫކޮށްލާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މައްސަލައާ ގުޅިގެން ފުލުހުންގެ ތަހްގީގަށް ސާފުކުރަން ބޭނުންވި ކަންތައްތައް ސާފުކުރުމަށްފަހު، އިތުރަށް ފުލުހުންގެ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

އޭނާ ދޫކޮށްލާފައިވަނީ ސްމިތް ދޫކޮށްލާފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓުން މުޒާހަރާ ކުރަމުންދަނިކޮށެވެ. އޭނާ ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުވެސް ވަނީ ޓްވީޓްކޮށް ގޮވާލާފައިވެ އެވެ.