ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މަޖިލީސް މެންބަރުން ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާ ނަފްރަތު އުފައްދަމުންދާއިރު އެކަންކަމާއި ދެކޮޅަށް ހައްގު ބަސް ނުބުނާނަމަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް މަޖިލީހަށް ހުށައެޅުމާއެކު އެމްޑީޕީގެ ބައެއް މެންބަރުން ގެންދަނީ ފުލުހުންގެ މުއައްސަސާއަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ފުލުހުންނާމެދު ނަފުރަތު އުފެދޭ ޒާތުގެ ވާހަކަތައްވެސް ބައެއް މެންބަރުން ގެންދަވަނީ ދައްކަމުންނެވެ.
އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މަޖިލީސް މެންބަރުން ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާ ނަފްރަތު އުފައްދަމުންދާއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ފުލުހުންގެ ހައްގުގައި ކުރެވުނީ ކޮން ކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
ފުލުހުންނާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ދައްކަމުންދާއިރު ފުލުހުންގެ ހައްގުގައި ބަސް ބުނަންޖެހޭ ކަމަށާ އެކަން ނުކުރެވޭނަމަ މަގާމުން އިސްތިއުފާ ދިނުމަށް ނަޝީދު ގޮވާލެއްވިއެވެ. އެކަން ނުކުރައްވާނަމަ މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.
"ފުލުހުންގެ ހައްގުގައި ބަސް ނުބުނާނަމަ މިހާރު މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލަން. ނޫނީ އިތުބާރު ނެތްކަމަށް މަޖިލިސްއަށް ވައްދާނަން." އިމްރާންއަށް އިޝާރާތް ކުރައްވާ މެންބަރު ނަޝީދު ވިދާޅުވިއެވެ.
އިމްރާންގެ އިތުބާރު ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުން ބަލާނެ މިނިސްޓަރު ވިދާޅުވުމުން އެމްޑީޕީގެ މެންބަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.
އިމްރާނަށް ފާޑުވިދާޅުވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިމްރާން ލީޑް ކުރައްވައި އާދަލަތު ޕާޓީއަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް އެ ޕާޓީއަށް ނުލިބޭ ކަމަށެވެ. އެހެންވިޔަސް މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް ވެންނެވުމުގެ ވިސްނުން ގެންގުޅުއްވައިގެން ނުވާނެ ކަމަށެވެ.
"މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން [އަދާލަތު ޕާޓީގެ ރައީސް] ޝައިހް އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ،" ހަސަން ލަތީފު ވިދާޅުވި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް މަޖިލީހުގައި ކުރިއަށް ގެންދިއަ ބަހުސް، މިދިއަ އަންގާރަ ދުވަހު ނިމުމަކަށް ގެންނަވަމުން، ނަޝީދު ވިދާޅުވީ، ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަން ބަދަލު ކުރުމަށް ބިލުގެ ބަހުސްގައި މެމްބަރުން ހުށަހަޅާފައިވާ ކަމަށެވެ.
"މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ، އެހެން ނަމެއް ވެސް ބޭނުން ވެޔޭ، އެހެން ކުލައެއްވެސް ބޭނުން ވެޔޭ، އަދި އެތަން ހުންނަންވީ މައިމަރުކަޒު ވެސް ހުންނަންވީ އެހެން ތަނެއްގައޭ، މިދިޔަ ހުރިހާ ދުވަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ،" ނަޝީދު ވިދާޅުވި އެވެ.
މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ ދިވެހި ފުލުހުން ތިބެން ޖެހޭނީ ސޯޓު ލައިގެން، ދަނޑިބުރި ދީފައި މަގުމައްޗަށް ނެރެފައި ކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ މުޅި މުއައްސަސާއަށް ވަރަށް އިހާނެތި ބަސްތައް ރައްދު ކުރަމުން އޭނާ ވަނީ ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާކުރާ ބައެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކާފައެވެ. އަދި ފުލުހުން ރައްޔިތުންނަށް ފެންނަންވީވެސް ވަރަށް ހުތުރު ސިފައެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ފުލުހުންނަކީ ސޯޓުލައިގެން ދަނޑިބުރިއެއް ދީފައި ތިބޭ ބައެއް މަގުމައްޗަށް ނެރެފައި. ވަރަށް ހުތުރު ސިފައެއްގެ ގޮތުގައި ޕޮލިހުން ބައިތިއްބަންވީ. މާ ސްމާޓް އެއްޗެހި ލައްވާފައި ބައިތިއްބާކަށް ނުޖެހޭ،"