ހަބަރު

އިންސާފު ލިބިއްޖެ، ނަޝީދަށް މަރުހަބާ: މައުމޫން

މީގެ ތިން އަހަރު ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލް ކުރުމާއެކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްއާއެކު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު މިއަދު މިނިވަންވުމުން ވަރަށް އުފާ ކުރައްވާ ކަމަށެވެ. އެންމެފަހުން އިންސާފު ގާއިމްވެއްޖެ ކަމަަށާއި ރައީސް ނަޝީދަށް މަރުހަބާ އަދި މުސްތަގުބަލުގައި ފާގަތި ކަމަށް އެދޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިން މަދުވެރިކޮށް ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މާޗް 15، 2015ގަ އެވެ. އަދި އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް މީގެ ކުރިން ތާއީދުކޮށްފައިވެ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލައިގައި މީގެ ކުރިން ނިހާއީ ހުކުމެއް އިއްވާފައެއް ނުވެ އެވެ.

ހުކުމުގެ ދަށުން ދުވަސްކޮޅެއްގައި މާފުށީ ޖަލުގައި ހުންނެވުމަށް ފަހު، އެމަނިކުފާނު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން އެނބުރި އައިސްފައެއް ނުވެ އެވެ. އދ ގެ ވޯކިން ގްރޫޕަށް އެމަނިކުފާނުގެ ޖަލު ހުކުމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލައި އެ ޖަމާއަތުން ބުނެފައި ވަނީ، އެމަނިކުފާނުގެ ޝަރީއަތް ހިންގީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި އެހެން ކަމުން އެމަނިކުފާނު މިނިވަންކޮށް ހިފަހައްޓާފައިވާ ހުރިހާ ހައްގެއް އެމަނިކުފާނަށް ލިބިދޭން ޖެހޭ ކަމަށެވެ.

ރިޔާސީ އިންތިހާބު، އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއެކު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަން ނިންމެވުމުން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން އެ މައްސަލަ ރިވިއު ކޮށްދިނުމަށް ސުޕްރީމް ކޯޓްގައި އެދުނެވެ. އަދި އެ ކޯޓުން ވަގުތީ އަމުރެއް ނެރުނީ، ކުރިން އިއްވާފައިވާ ހުކުމާ ގުޅިގެން އެއްވެސް ފަރާތަކުން އެމަނިކުފާނުގެ މައްޗަށް އެއްވެސް ކަހަލަ ފިޔަވަޅެއް ނޭޅުމަށެވެ.

ހުކުމް ރިވިއު ކުރަން ހުށަހެޅި މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ކަނޑައެޅީ، ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވެސް ބާތިލް އިޖުރާއަތެއްގެ މައްޗަށް ކަމަށާއި އެހެންވެ، އޭގެ ދަށުން ހިނގާފައިވާ ކޮންމެ ކަމަކީ ވެސް ބާތިލް ކަމެއް ކަމަށެވެ.