ވިޔަފާރި

އެމްއެމްޕީއާރްސީ އެމްޑީއަކަށް ތޮއްޔިބު

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ތޮއްޔިބު މުހައްމަދު ހަމަޖައްސައިފި އެވެ.

ކުރިން މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގައި ވެސް މަސައްކަތް ކުރެއްވި ތޮއްޔިބު އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވިއިރު އެންމެ ފަހުން އެ ކުންފުނި ހިންގުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ހާރިސް މުހައްމަދު އެވެ. އޭނާ އެ މަގާމުގައި ހުންނެވީ އެކްޓިން އެމްޑީގެ ގޮތުގަ އެވެ. ތޮއްޔިބަކީ މީގެކުރިން ޓީވީއެމް އަދި އިންފޮމޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ރާއްޖޭގެ ޓޫރިޒަމްގެ މާކެޓިން ކުންފުނީގެ އެންމެ އިސްވެރިއަކަށް ތޮއްޔިބު އައްޔަން ކުރައްވާފައިވާއިރު، ސަރުކާރުން ވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ ބަޖެޓުވެސް ތިން ގުނަ އިތުރު ކޮށްފަ އެވެ. ރާއްޖޭގެ އިޝްތިހާރު ބަޖެޓު އިތުރު ކުރުމަށް 104 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެހެން ކަމުން އަންނަ އަހަރު ރާއްޖެ އިޝްތިހާރުގެ ބަޖެޓް 157 މިލިއަން ރުފިޔާއަށް އަރާނެ އެވެ.