ހަބަރު

މަރުތައް ބަލާ ކޮމިޝަނަށް މައްސަލަ ހުށަހަޅަން ހުޅުވާލައިފި

Nov 27, 2018

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް މައްސަލަތައް ހުށަހަޅަން އާންމުންނަށް ހުޅުވާލައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން އުފެއްދި ކޮމިޝަނަކީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދި ކޮމިޝަނެކެވެ.

ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ މަރުތަކުގެ ތެރެެއިން އެކަށީގެންވާ މިންވަރަށް ތަހުގީގު ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެވޭ މައްސަލަތައް ލިޔުމުން އެ ކޮމިޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އެ ކޮމިޝަންގެ އޮފީސް ހުންނަނީ ޣާޒީ ބިލްޑިންގަ އެވެ. އެކަމަށް ދީފައިވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.

ކޮމިޝަންގެ ރައީސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުރީގައި ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ހުސްނުއްސުއޫދެވެ. ކޮމިޝަނަކީ ރައީސް އޮފީހުން ބުނި ގޮތުގައި ކޮމިޝަނުން ތަހުގީގު ކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަހުގީގު ކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ ހަގީގަތް ހޯދުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ފެއްޓެވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ގަރާރަކުން ތަހުގީގު ކޮމިޝަން އުފެއްދީ އެ ވައުދުގެ ދަށުންނެވެ.

ރައީސް ސޯލިހު ހަގީގަތް ހޯއްދައްވާނެ ކަމަށް ވިދާޅުވެފައިވާ މައްސަލަތަކުގެ ތެރޭގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ އާއި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ މަރާލި މައްސަލަ ހިމެނެ އެވެ.