ހަބަރު

މަރުތައް ތަހުގީގުކުރަން ރައީސް ކޮމިޝަނެއް އުފައްދަވައިފި

"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން"ގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ކޮމިޝަނެއް އުފައްދަވައިފި އެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސްއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، ރައީސްގެ ގަރާރަކުން ރައީސް މި ކޮމިޝަން އުފެއްދެވީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ މަރުތަކުގެ ހަގީގަތް ހޯދުމަށެވެ.

އެ މުއްދަތުގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، ހަގީގަތް ހޯދައި، އާންމުކުރުމަކީ އިންސާފު ގާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއް ކަމަށް ރައީސް ސޯލިހު ދެކެވަޑައިގަންނަވާ ކަމަށް ގަރާރުގައިވެ އެވެ.

ކޮމިޝަނަށް އައްޔަން ކުރައްވާ ބޭފުޅުން

  • ހުސްނުއްސުއޫދު، ހަސަންކާރިގެ، ސ.މީދޫ
  • އަބްދުﷲ މުނާޒް، ހ. މާފިޔަ
  • އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
  • ފަރީޝާ އަބްދުﷲ، މާތޮޑާއަވަށް. ބަގީޗާގެ، ގދ.ފަރެސްމާތޮޑާ
  • މިސްބާހް އައްބާސް، ބަހާރީވިލާ، ގދ.ރަތަފަންދޫ

ކޮމިޝަންގެ ރައީސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުރީގައި ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ހުސްނުއްސުއޫދެވެ. ކޮމިޝަނަކީ ރައީސް އޮފީހުން ބުނި ގޮތުގައި ކޮމިޝަނުން ތަހުގީގު ކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަހުގީގު ކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ ހަގީގަތް ހޯދުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ފެއްޓެވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ގަރާރަކުން ތަހުގީގު ކޮމިޝަން އުފެއްދީ އެ ވައުދުގެ ދަށުންނެވެ.

ރައީސް ސޯލިހު ހަގީގަތް ހޯއްދައްވާނެ ކަމަށް ވިދާޅުވެފައިވާ މައްސަލަތަކުގެ ތެރޭގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ އާއި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ މަރާލި މައްސަލަ ހިމެނެ އެވެ.

އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭނާ މަރާލި ކަމަށް ތުހުމަތުގައި ބަޔަކު ހައްޔަރުކޮށް އަދި ފަހުން ދޫކޮށްލި އެވެ. އެ މައްސަލައާ ގުޅިގެން ހުސައިން ހުމާމްގެ މައްޗައް ދައުވާކޮށް ވަނީ އޭނާއަށް މަރުގެ ހުކުމް ތަންފީޒު ކުރަން ސުޕްރީމް ކޯޓުން ނިންފާފަ އެވެ. ނަމަވެސް އެކަމުގައި ޝާމިލްވީ އިތުރު މީހެއްގެ އެއްވެސް ތަފްސީލެއް ނޭނގެ އެވެ. އަދި އެތައް އަހަރުވީ އިރު އަފްރާޝީމް މަރާލިކަމުގެ މަގުސަދާއި އެކަމަށް ހޭދަކުރި މީހުންނަކީ ކޮބައިކަން ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިގެން ހޯދާތާ ވެސް ހަތަރު އަހަރުވީ އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ތަހުގީގުތަކެއް ނުނިންމެ އެވެ. ރިލްވާން ވީގޮތެއް އޭނާ ގެއްލުވާލުމުގެ މަގުސަދެއް ވެސް ހޯދިފައެއް ނުވެ އެވެ. އެ މައްސަލާގައި ރިލްވާން ރަހީނުކުރި ކަމުގެ ދައުވާ ހ. ހިލްޓަން، އަޒްލީފް ރައޫފް އާއި ގދ. ވާދޫ، ކަރަންކާގެ، މުހައްމަދު ނޫރުއްދީންގެ މައްޗަށް އުފުލި އެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން އެމީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.

ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސް ޔާމީން ރަޝީދު މަރާލީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އަނިޔާވެރި ގޮތަކަށް 24 ތަނަށް ވަޅި ޖަހާ އޭނާ މަރާލީ އިރު އޭނާގެ އުމުރުން ވަނީ އެންމެ 29 އަހަރެވެ.

އެ މައްސަލާގައި ބައެއްގެ މައްޗަށް ދައުވާ އުފުލައި މިހާރު ކުރިމިނަލް ކޯޓުގައި ޝަރީއަތް ހިންގަމުންދެ އެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.