ވިޔަފާރި

އެޑްވެންޗާ އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ ރީތިކަން ދައްކާލަން، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށް ގެންދިޔަ "އެޑްވެންޗާ އޮފް މޯލްޑިވްސް" ވީޑިއޯ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ކޮށްފި އެވެ.

ރާއްޖޭގެ ރީތިކަން ދައްކާލަން މާކެޓިން ހަރަކާތް ތަކުގައިވެސް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކުރާ މި ވީޑިއޯ ތައްޔާރު ކުރަން ޖެހެނީ މޫދު އަޑީގެ މަންޒަރުތަކާއި ރާއްޖޭގައި ކުރިއަށް ގެންދާ މޫދު ކުޅިވަރުތައް އަދި ރަށްރަށަށް ގޮސް ކުރިއަށް ގެންދާ "އައިލެންޑް އެކްސްކާޝަން" ފަދަ މަންޒަރުތައް ދައްކުވައި ދެވޭނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ މުބާރާތަށް ވީޑިއޯ ފޮނުވުމުގެ މުއްދަތު އިތުރު ކޮށްދޭ ގިނަ އަދަދެއްގެ ދިވެހިންނާއި ޓޫރިސްޓުންވެސް އެދެމުންދާ ކަމަށެވެ. މިހާރު މުއްދަތު އިތުރު ކުރުމާއެކު ވީޑިއޯތައް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 27 ގެ ނިޔަލަށް ލިބޭނެ އެވެ.

ރާއްޖެ އިޝްތިހާރު ކުރުމުގައިވެސް ބޭނުންކުރެވޭ ގޮތަށް އުފައްދާ މި ވީޑިއޯ ހެދުމުގެ މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އެވެ. އަދި ކޯ-ސްޕޮންސާގެ ގޮތުގައި ހަމަޖައްސާފައިވަނި ޔޫރޯ ސްޓޯރް އާއި ޓެކް ސްޓްރީޓް އެވެ.

މި މުބާރާތުގައި މޫދު އަޑީގެ މަންޒަރުތަކާއި ރާއްޖޭގައި ކުރިއަށް ގެންދާ މޫދު ކުޅިވަރުތައް އަދި ރަށްރަށަށް ގޮސް ކުރިއަށް ގެންދާ "އައިލެންޑް އެކްސްކާޝަން" ފަދަ މަންޒަރުތައް ދައްކުވައި ދެވޭނެ އެވެ. މި މުބާރާތުގެ އެއްވަނައަށްދާ ފަރާތްކަށް 120،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. މި މުބާރާތަށް ހޮވޭ އެންމެ މޮޅު 10 ވީޑިއޯއެއް ނަގައި ރާއްޖެ އިޝްތިހާރު ކުރަން ކުރިއަށް ރާއްޖެ ބައިވެރިވާ ފެއާތަކުގައި ދެއްކުމުގެ އިތުރުން ވިޒިޓްމޯލްޑިވްސް ޔޫޓިއުބް ޗެނަލްގައި ވެސް ދައްކާނެ އެވެ.