ހަބަރު

ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް ޑރ. ނަޒީރު

Nov 28, 2018
1

ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް މ. އެމޭޒަން، ޑރ. އަބްދުﷲ ނަޒީރު ހަމަޖައްސަވައިފިއެވެ. މީގެކުރިން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑރ. ނަޒީރު ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔާއަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އައްޔަންކުރައްވާ ފަރާތެކެވެ.

މިއަދުން ފެށިގެން، ޑރ. އަބްދުﷲ ނަޒީރު މި މަގާމަށް އައްޔަންކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

މީގެކުރިން މި މަގާމުގައި ހުންނެވީ ހަސަން ސައީދެވެ. ނަމަވެސް އެކެއް ފެބުރުއަރީ އަމުރާ ގުޅިގެން ރިޝްވަތުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް މަގާމުން ވަނީ ވަކިކޮށްފަ އެވެ. ރިޔާސީ އިންތިހާބަށްފަހު އޭނާގެ މައްޗަށް އުފުލި ދައުވާ ވަނީ ބާތިލްކޮށްފަ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޝަރުއީ ދާއިރާގެ އާންމު އިދާރީ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ އިދާރާއެވެ. މި އިދާރާ ގާއިމުކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ އިދާރާއެއްގެ ގޮތުގައެވެ. މި އިދާރާ ހިނގަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.