ހަބަރު

އަލަށް އުފައްދާ ޕާޓީއަށް ފުރަތަމަ ސޮއި ކުރެއްވީ އަދީބު

އަލަށް އުފައްދަން ހުއްދަދިން، "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ"، އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެއްޖެ އެވެ.

އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ، ވިޔަފާރި ވެރިންގެ ޖަމްއިއްޔާގެ ރައީސް އިސްމާއިލް އާސިފްއަށް އަދީބުގެ މެންބަޝިޕް ފޯމް ވަނީ މިއަދުގެ ވަގުތެއްގައި ހަވާލުކޮށްފައި ކަމަށް އާސިފް ވިދާޅުވި އެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އާސިފްއަށް އީސީއިން ދީފައި ވަނީ މިއަދު އެވެ.

އަދީބަކީ އެކި ކުށްތަކުގައި ބޮޑު ޖަލު ހުކުމެއް އައިސްފައިވާ ބޭފުޅެކެވެ. އޭނާ ގެންބަދަށް ބަދަލުކޮށްފައިވަނީ ސިއްހީ ހާލު ގޯސްވުމާ ގުޅިގެންނެވެ. ކުރީގެ ސަރުކާރުން އަދީބުގެ ސިއްހީ ހާލަތާމެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

ކުރިން ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް އަދާ ކުރެއްވި އަދީބު ވަނީ އެ ޕާޓީއިން ވަކިކޮށްފަ އެވެ. އަދީބަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ވަރަަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް މިހާރު ވެސް ކުރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.