ހަބަރު

އެއްބަސްވުން އެބަ އޮތް، އިންތިހާބަށް ނުކުންނާނީ އެކުގައި: ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް އެކުގައި ނުކުތުމަށް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭ ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެއްބަސްވެފައިވާ ކަމަށާއި އެގޮތުގެ މަތިން އެ އިންތިހާބަށް ނުކުންނާނީ ކޯލިޝަން އެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު
ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކޯލިޝަންގެ މެދުގައި ވާދަ ކުރާނެ ދާއިރާތަކާ ގުޅިގެން އެއްގަލަކަށް ނާދެވިގެން އުޅެނިކޮށް އަބްދުﷲ ރިޔާޒު މިހެން ވިދާޅުވީ އަވަސްގެ "އަވަސް ހުކުރު" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުގަ އެވެ. ރިޔާޒަކީ ކޯލިޝަންގެ މަޝްވަރާ ކޮމެޓީ، 1819 ކޮމެޓީގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވަން އިންނަވާ ވެސް ބޭފުޅާ އެވެ. އަދި އެއީ މިހާރު މަޖިލީހުގެ މައިނޯރިޓީ ލީޑަރު ވެސްމެ އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި، ކޯލިޝަން އުފައްދައި ހަތަރު ޕާޓީއިން އެއްބަސްވީ ހަމައެކަނި ސަރުކާރެއް ގާއިމުކުރުމަކަށް ނޫނެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބާއި ދެ އަހަރު ފަހުން ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެކުގައި މަސައްކަތް ކުރުމަށް ޕާޓީތަކުން ރައީސް ސޯލިހާއެކު އެއްބަސްވެފައިވާ ކަމަށެވެ. އެ އެއްބަސްވުން އެބަ އޮތް ކަމަށެވެ.

"ޕާޓީތަކުން އެބަ އޮތް ރައީސްއާއެކު އެއްބަސްވުންތަކެއް، ހަމައެކަނި ސަރުކާރެއް ނޫން، މަޖިލީހާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެކުގައި މަސައްކަތް ކުރުން އެއީ އަޅުގަނޑުމެން ވެފައިވާ އެއްބަސްވުމެއް، ވަރަށް ބޮޑެތި ޕާޓީތައް މިއުޅެނީ، ތަފާތު ހިޔާލުތައް ވެސް ހުންނާނެ އަދި ރައްޔިތުންނާ ގުޅުން ހުންނަ ކަންތައްތައް ރައްޔިތުންގެ އިހްސާސްތަކާ ގުޅިފައި ހުންނަ ކަންތައްތައް ހާއްސަކޮށް އިންތިހާބުތަކަކީ، ބޮޑެތި ޕާޓީތަކުން ގިނަ ގޮނޑިތަކަށް ވާދަ ކުރަން ވެސް ބޭނުންވާނެ، އެހެންވީމަ ކުރިން ވެފަ އޮންނަ އެެއްބަސްވުމަށް ބަދަލެއް ގެނެވިދާނެތޯ އެއީ ހަމަ މަޝްވަރާކޮށްގެން އެހެން ގޮތްތަކެއް އޮތްތޯ ބަލަން ބޭނުންވާނެ ކަންކަން،" އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

"ސިޔާސީ މަޝްރަހު ބަދަލުވެގެން އަންނައިރު ބަދަލުވެގެން އެ އަންނަ ގޮތަކާއެކީގަ ވާހަކަ ދެއްކުމަކީ ނެތް ކަމެއް ނޫން، އެހެންވީމަ އެގޮތުން ދައްކާ ވާހަކަ އެއީ، އެއްބަސްވުން ނެތީމައެއް ނޫން، އެއްބަސްވުމެއް އެބަ އޮތް،"

ރިޔާޒު އެހެން ވިދާޅުވީ، ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ، ޕާޓީތައް ވަކިން އިންތިހާބަށް ނުކުންނާނެ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ފެތުރެމުންދަނިކޮށެވެ. އެމްޑީޕީގެ ބައެއް އާންމު މެންބަރުން އަދި ގައުމީ މަޖިލީހުން ވަނީ އިންތިހާބަށް އެމްޑީޕީ ވަކިން ނުކުތުމަށް ތާއިދުކޮށް ވާހަކަ ދައްކާފަ އެވެ. ނަމަވެސް އިއްޔެ ކޯލިޝަންގެ ހަތަރު ލީޑަރުން ވަނީ އެކުގައި އެއް މޭޒަކަށް ވަޑައިގެން މަޝްވަރާ ކުރައްވާފަ އެވެ.

އެ މަޝްވަރާގައި ވެސް ޕާޓީތަކުން އިންތިހާބަށް ނުކުންނާނެ ދާއިރާތަކާމެދު ގޮތެއް ނުނިންމުނެވެ. ނިމިފައިވާ ހަމައެކަނި ކަމަކީ އިންތިހާބަށް ނުކުންނާނީ އެކުގައި ކަމަށެވެ. ލީޑަރުން އިއްޔެ ވިދާޅުވި ގޮތުގައި އިންތިހާބަށް ކޯލިޝަނުން ނެރޭ ފޯމިއުލާ ވެގެން ދާނީ އުއްމީދީ ފޯމިއުލާއަކަށެވެ. މިއަދު އަނެއްކާވެސް އެކަމުގައި މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ރިޔާޒު އަބްދުﷲ ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބާ ދިމާކޮށް ކޮންމެ ވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް ފެންމަތިވި ނަމަވެސް ކޯލިޝަން ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީން އެބަ އޮތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެންމެން އެކީގައި ގެންގުޅޭ ބޭނުންވާ އެއްބަސްވުންތަކަށް ކަމޭހިއްތަވާ ބޭފުޅެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ރައީސް ސޯލިހަކީ ވަރަށް އެއްބަސްވާ އެއްބަސްވުންތަކާ އެއްގޮތަށް އަމަލު ކުރައްވާ ބޭފުޅެއް، މިހާ ހިސާބަށް ހަމަ ގައިމު ވެސް ޖުމްހޫރީ ޕާޓީއަކަށް ފާހަގަވެފައެއް ނެތް އެމަނިކުފާނު ކުރައްވާނެ ކަމަށް ވިދާޅުވި ކަމެއް ނުކުރައްވާ އޮތް ކަމެއް، ވަަރަށް އުއްމީދު އެބަ އޮތް އެކުގައި ނުކުމެވޭނެކަން، އަޅުގަނޑުމެން އެއްބަސްވާ ގޮތްތަކެއްގެ ތެރެއިން، ކޯލިޝަންގަ އެކުގަ ނުކުމެގެން ގިނަ ގޮނޑި ކާމިޔާބު ކުރެވޭނީ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ކޯލިޝަންގެ ޕާޓީތަކަކީ ވާދަވެރި ޕާޓީތަކެކެވެ. އެހެންވެ ހިޔާލު ތަފާތުވުންތަކާއި އެއް ޕާޓީއިން އަނެއް ޕާޓީގެ ކަންކަމަށް ފާޑުކިޔުމަކީ ހިނގާނެ ކަންކަމެވެ. އެފަދަ ކަންކަން ފުރިހަމައަށް ބަލައިގަންނަ ކަމަށް ވެސް ވިދާޅުވި އެވެ. މި ސަރުކާރަކީ ހަތަރު ޕާޓީގެ ވެސް ސަރުކާރެއް ކަމަށާއި ސަރުކާރު ދަމަހައްޓަން އެކުގައި މަސައްކަތް ކުރުމަކީ ޕާޓީތަކުން ކޮންމެ ހާލެއްގައި ވެސް ކުރަން ޖެހޭނެ ކަމެއް ކަމަަށެވެ.

"ރައީސް ސޯލިހަކީ އެންމެން ގުޅިގެން ހޯވާފައިވާ ރައީސްއެއް، އެހެންވީމަ ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބިގެނެއް ނޫން ސަރުކާރު ދެމެހެއްޓޭނީ އަދި ވަކި ޕާޓީއަކުން ނޫން އެކަން ކުރަން ވެސް ޖެހޭނީ، ކޮންމެ ޕާޓީއަކުން ވެސް ވާދަކުރަން ނުކުންނަ ގޮނޑިތައް ކާމިޔާބުކޮށްގެން ކޯލިޝަން އެއްކޮށް ހިފަހައްޓައިގެން މަސައްކަތް ކުރަން ޖެހެނީ، އެ ހިފެހެއްޓޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީއިން ގިނަ ގޮނޑި ކާމިޔާބު ކުރުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތަކީ ކޯލިޝަނަށް ހިޔަނި އެޅޭނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެއީ ކޮންމެ ޕާޓީއަކުން ވެސް މަސައްކަތް ކުރާނީ އެ ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބޭނެ ފޯމިއުލާއަކަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ރައީސް ނަޝީދުގެ އޮންނާނެ އެމްޑީޕީއަށް ގިނަ ގޮނޑި ހޯދުމުގެ ވިސްނުން، އެ ގަބޫލު ކުރަން، މައްސަލައެއް ވެސް ނެތް، އަޅުގަނޑުމެން ޖުމްހޫރީ ޕާޓީއިން ވެސް ބޭނުންވާނެ މެކްސިމަމް ގޮނޑި ލިބޭނެ ގޮތަކަށްވުން، އެހެން ޕާޓީތަކުގެ ވެސް އެ ވިސްނުން ހުންނާނެ،"

އެހެން ނަމަވެސް ރިޔާޒު ވިދާޅުވި ގޮތުގައި އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދޭނީ ކޯލިޝަން އެކުގައި ނުކުމެގެންނެވެ. ދާއިރާތަކަށް ޕާޓީތަކުން ވަކިވަކި ނުކުމެއްޖެނަމަ އޭގެ ފައިދާ އިދިކޮޅަށް ލިބިދާނެ ކަމަށް ވިދާޅުވި އެވެ. މާޒީ ބުނެދޭ ފިލާވަޅަކީ އެއީކަން ރިޔާޒު ފާހަގަ ކުރެއްވި އެވެ.