ހަބަރު

ރައީސް ސޯލިހުގެ ސަރުކާރު ބަލިކަށިކުރަން ފުރުސަތު ނުދޭނެ: އަލީ ޒާހިރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިކަށިކުރަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ، ރައީސް ސޯލިހު ވެސް ސޮއި ކުރައްވާފައިވާ އެއްބަސްވުމާ ހިލާފަށް އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމާފައިވަނިކޮށެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި މެޖޯރިޓީ ރައްޔިތުންގެ އިހްސާސްތަކާއި އުއްމީދުތަކާ އެއްގޮތަށް ގުޅިގެން އުފެދުނު ސަރުކާރު އެގޮތުގައި ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ.

އަދާލަތު ޕާޓީއިން މިއަދު ވަނީ އެ ޕާޓީއިން ވާދަ ކުރާނީ 13 ދާއިރާއަށް ކަމަށް އިއުލާންކޮށްފަ އެވެ. އަދާލަތު ޕާޓީއިން މިއަދު ބުނީ، 13 ދާއިރާއަށް އެ ޕާޓީއިން ވާދަކުރަން ނިންމީ، މި އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު ބޭއްވި ކޯލިޝަންގެ މަޝްވަރާ ކޮމެޓީ، 1819 ކޮމެޓީގެ 20 ވަނަ ބައްދަލުވުމުގައި ކުރި މަޝްވަރާގެ އަލީގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ ޕާޓީއިން ވާދަ ކުރަން ޖެހޭނީ 13 ދާއިރާއަށް ކަމަށްވާތީ ކަމަށެވެ. އެ އެއްބަސްވުމުގެ ކޮޕީއެއް "އަވަސް"އަށް ވެސް ވަނީ ލިބިފަ އެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓެވެ. ހުރިހާ ވުޒާރާތަކާއި ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމްތަކާއި ރުހުންދޭ އެންމެހާ މަގާމްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އައްޔަން ކުރުމުގައި ވެސް އަމަލު ކުރާނީ އެ ހަމައަށެވެ. އޭގެ އިތުރުން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބާއި 2020 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް ބަހާނީ އެގޮތުގެ މަތިން ކަމަށް އެއްބަސްވުމުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެއްބަސްވުމާ އޮތް ހަމައަށް ޕާޓީތަކުން އަމަލު ކުރާ ނަމަ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ.

އެހެން ޕާޓީތަކުން ދައްކާ އެއްބަސްވުމަކީ އެއްބަސްވުމެއް ނޫން ކަމަށް ރޭ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ. ޖުލައި 12 ވަނަ ދުވަހު ކޯލިޝަންގެ ބައިވެރިން އެކުވެ މަޝްވަރާކޮށް ނިންމާފައި ވާނީ ރިޔާސީ އިންތިހާބާއި އޭގެ ފަހުން ކުރިޔަށް ދާނެ ގޮތަކާ މެދު ކަމަށެވެ. އަދި އެ ހުށަހެޅުމުގައި އޭނާ އާއި ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ސޮއި ކުރެއްވި ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް އެއީ އެއްބަސްވުމެއް ކަމަށް ނުދެކޭ ކަމަށާއި ގޮނޑިތައް ބަހާނެ ގޮތަކާ މެދު ވެސް އެއްބަސްނުވާ ކަމަށް ހަސަން ވިދާޅުވި އެވެ.

ރޭ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއިން ކުރިމަތިލާން ޖެހޭނީ 35 ދާއިރާއަށް ކަމަށް އަދާލަތު ޕާޓީ އާައި ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޭ ކަމަށެވެ. ނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ އެމްޑީޕީއަށް ހައްގު މިންވަރު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.