ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު، އެމްސީ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް އޭނާގެ ފަރާތުން ހުށަހެޅި މައްސަލާގައި މިއަދު ހުކުމް އިއްވުމަށް ތާވަލުކޮށްފި އެވެ.
އެމްސީ ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އިދާރީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ވަކިކުރިއިރު، އޭނާ ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ވެސް ބެހެއްޓި އެވެ. އޭނާއަށް ތުހުމަތުކުރީ ސިއްރު މައުލޫމާތުތަކެއް ލީކުކުރުމެވެ.
ވަޒީފާއިން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ހަމީދުގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން ނިންމީ ހަމީދަށް އަލުން ވަޒީފާ ދިނުމަށެވެ. ނަމަވެސް އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކުރި އެވެ. ހައިކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓަށް ހަމީދުގެ ފަރާތުން ހުށަހެޅި އެވެ. ނަމަވެސް އޭރު ސުޕްރީމް ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.
ރިޔާސީ އިންތިހާބަށްފަހު ސުޕްރީމް ކޯޓުން ގިނަ މައްސަލަތަކެއް ރިވިއު ކުރަމުންދާއިރު ހަމީދު ވެސް ވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއު ކުރަން ހުށަހަޅާފަ އެވެ. އެ މައްސަލާގައި ދެ އަޑުއެހުމެއް ބާއްވައި އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:00 އަށެވެ.
މައްސަލާގައި ދައުލަތުން ވަނީ ހަމީދު، ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް އެއްބަސްވެފަ އެވެ. ފުލުހުންގެ ފަރާތުން ވަކާލާތު ކުރައްވާ، ބަންޑާރަ ނައިބު އޮފީހުގެ ވަކީލް ހައްވާ ސަނާ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވީ، ގާނޫނުތަކުން ކޮންމެ މީހަކަށް ވެސް ރައްކާތެރިކަން ލިބެންޖެހޭ ކަމަށާއި އެމީހަކު ބޭނުންވާ ވަޒީފާއެއްގެ އުޅުމުގެ އިހްތިޔާރަކީ ވެސް ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް ކަމަށެވެ.
ސަނާ ފާހަގަ ކުރެއްވި ގޮތުގައި، ހަމީދު ވަޒީފާއިން ވަކިކޮށްފައިވަނީ އެ ހައްގުތައް ގެއްލޭ ގޮތަށެވެ. އެގޮތުން ފުލުހުންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ފުލުހުންގެ ވަޒީފާ އަދާކުރުމުގެ ގަވައިދާއި އިދާރީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގަވައިދުގައިވާ އިޖުރާއަތްތަކާ އެއްގޮތަށް ހަމީދު ވަޒީފާއިން ވަކިކުރުމުގައި އަމަލުކޮށްފައިނުވާ ކަމަށް ސަނާ ވިދާޅުވި އެވެ.
ވަކީލް ސަނާ ވިދާޅުވީ، ގަވައިދުގައިވާ ގޮތުން އިދާރީ ފިޔަވަޅެއް އަޅައި މީހަކު ވަކިކުރުމުގެ ކުރިން އެކަން ކޮމިޝަނާ އޮފް ޕޮލިސްއަށް އަންގައި ހޯމް މިނިސްޓްރީއަށް އެކަން ލިޔުން އަންގަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ލިޔުން ހަމީދުގެ މައްސަލާގައި ހޯމް މިނިސްޓަރަށް ފޮނުވާފައިވާކަން އެނގެން ނެތް ކަމަށެވެ.
ގާނޫނުގައި ކަމެއް ކުރުމަށް ވަކި ގޮތެއް އަންގާފައިވާނަމަ އެގޮތަކަށް އަމަލު ކުރުމަކީ ލާޒިމް ކަމެއް ކަމަށް ވަކީލް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ވަޒީފާއަކީ އަސާސީ ހައްގަކަށްވާއިރު އަސާސީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށެވެ. އެހެންވެ، ހަމީދު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް ދައުލަތުން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމީދުގެ ވަކީލް ހުސެއިން ސިރާޖު ވަނީ ހަމީދު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލްކޮށް، އޭނާ އޭރު ހުރި މަގާމާ އެއްވަރުގެ ވަޒީފާއެއް ދިނުމަށް އެދިފަ އެވެ. އަދި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މިއަދާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ވެސް ސިރާޖު ވަނީ އެދިފަ އެވެ.
އެގޮތަށް އެދުމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ވަނީ ވަޒީފާއެއް ދިނުމަށާއި މުސާރަ ނަގައިދިނުމަށް ދަށު ކޯޓުގައި އެދިފައިވާނެތޯ އައްސަވާފަ އެވެ. ސިރާޖު ވިދާޅުވީ އެކަން ޖެހޭނީ ސާފުކުރަން ކަމަށެވެ. ވަކީލް ސަނާ ވަނީ ދަށުގެ ދައުވާ ފޯމް އަތުގައި އޮތް ކަމަށް ވިދާޅުވެ އެ ފޯމްގައި އެދިފައިވާ ގޮތް ޝަރީއަތަށް ހާމަ ކުރައްވާފަ އެވެ. އެ ފޯމްގައިވާ ގޮތުން އެދިފައިވަނީ ހަމީދު ވަޒީފާއިން ވަކިކުރި ނިންމި ބާތިލްކޮށް ދިނުމަށް އެކަންޏެވެ. ފަނޑިޔާރުންގެ ބެންޗުން ވަނީ އިސްތިއުނާފީ މަރުހަލާގައި އާ ކަންކަމަށް ނުއެދެވޭނެކަން ފާހަގަކުރައްވާފަ އެވެ.