ހަބަރު

ތުހުމަތުވާ މައްސަލަތައް ބަލައިދިނުމަށް އަފްޒަލް އަމިއްލަށް އެދެފި

ތުހުމަތުވާ މައްސަލަތައް ބަލައިދިނުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު އަފްޒަލް އަމިއްލައަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހުށަހަޅުއްވި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީއަށް އަފްޒަލް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާއަށް މި ސަރުކާރުން މަގާމު ދިނުމާއެކު ސޯޝަލް މީޑިއާގައި އޭނާއާ ގުޅޭ ދޮގު ތުހުމަތުތަކެއްކޮށް އަބުރު ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންވެ، އޭނާގެ މައްޗަށް ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތައް ބަލައި، އެކަމުގައި ޝާމިލްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅައިދިނުމަށް އަފްޒަލް ވަނީ އޭސީސީގައި އެދިވަޑައިގެންފަ އެވެ.

އަފްޒަލަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގެ ފަރާތުން ސްޓޭޓް މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ނިމިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގައި ވެސް މަސައްކަތް ކުރި އަފްޒަލް ވަނީ ވަރަށް ފަހަކާ ޖެހެންދެން ވެސް ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ތެރެއިން 1.5 މިލިއަން ރުފިޔާގެ ހިޔާނާތެއް އަފްޒަލް ހިންގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި މީހުން ތުހުމަތު ކުރެ އެވެ. ނަމަވެސް އެފަދަ މައްސަލައެއް އެއްވެސް އިދާރާއަކުން މިހާތަނަށް ފާހަގައެއް ނުކުރެ އެވެ.

މިކަމާ ގުޅިގެން އެމްއާރްއެމްގެ އިސް ފަރާތެއް ކަމަށްވާ އަބްދުލްއަލީމް ވިދާޅުވީ ތުހުމަތު ކުރާ މައްސަލަތައް ބަލައިދިނުމަށް އަފްޒަލް އަމިއްލައަށް އެދިފައިވާއިރު، އޭގެ ތެރެއިން އެއްވެސް މައްސަލައެއްގައި އޭނާގެ ޝާމިލްވުމެއްވާ ކަމަށް ތަހުގީގަށް ފެނިއްޖެނަމަ އިސްތިއުފާ ދިނުމަށް އެމްއާރްއެމްއިން އަންގާނެ ކަމަށެވެ.