ފިނޭންސް މިނިސްޓްރީ

ރާއްޖޭގެ ދަރަނި 3.7 ބިލިއަން ޑޮލަރުގައި، ޗައިނާއިން 1.4 ބިލިއަން ޑޮލަރު

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ދައްކަން ޖެހޭ ޖުމްލަ ދަރަނީގެ އަދަދަކީ، 3.7 ބިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ހާމަކުރައްވައިފަ އެވެ. އެއީ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ ނިސްބަތުން 53 ޕަސެންޓްގެ ދަރަންޏެކެވެ.

އާ ފިނޭންސް މިނިސްޓަރު އަމީރު މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި "އަވަސް" އިން ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ޗައިނާ އަށް ރާއްޖެ އިން 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން އެބަ އޮތް ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ޖުމްލަ ދަރަނީގެ 38 ޕަސެންޓް އޮތީ ޗައިނާ އަށެވެ. މިނިސްޓަރު ވިދާޅުވީ، ޗައިނާ އިން ދޭން އެއްބަސްވި ލޯނުގެ ތެރެ އިން ރާއްޖެ އިން މިހާތަނަށް 858 މިލިއަން ޑޮލަރު ބޭނުންކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެތެރޭގެ ދަރަނި އުޅެނީ 1.9 ބިލިއަން ޑޮލަރުގައި ކަމަށެވެ. އަދި ބޭރުގެ ދަރަނި އުޅެނީ، 1.8 ބިލިއަން ޑޮލަރުގައި ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"އެތެރޭގެ ދަރަނީގެ ބޮޑުބައެއް އޮތީ ޓްރެޒަރީ ބިލްސް [ޓީ-ބިލްސް] އާއި ކޮމާޝަލް ލޯނުގެ އިތުރުން ޓީ-ބޮންޑްސް އަށް. މީގެ ތެރެ އިން ބޮޑު ބައެއް ގޮސްފައިވަނީ ޕެންޝަން އޮފީހާއި އެމްއެމްއޭގެ އާއި އެސްއޯއީސް [ސަރުކާރު ހިއްސާވާ ކުންފުނި] ތަކަށް،" އަމީރު ވިދާޅުވި އެވެ.

ޕޭބަލްސްގެ އަދަދު 2.4 ބިލިއަން ރުފިޔާގައި!

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ޕޭބަލް [ސަރުކާރުން ޕްރައިވެޓް ސެކްޓާއާއި އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ] ގެ އަދަދު މިހާރު 2.4 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

"މީގެ ތެރޭގައި ޕާޗެސް އޯޑާގެ އަދަދު 428 މިލިއަން ރުފިޔާ އަށް އަރާ. ޕޯސްޓެޑް އިންވޮއިސްގެ އަދަދު 824 މިލިއަން ރުފިޔާ އަށް އަރާ. އާސަންދަ ކުންފުންޏަށް 103 މިލިއަން ރުފިޔާ ދައްކަން ޖެހޭ. އެސްޓީއޯ އަށް ދައްކަން ޖެހޭ 780 މިލިއަން ރުފިޔާ. ސްޓެލްކޯއަށް ދައްކަން ޖެހޭ 770 މިލިއަން ރުފިޔާ. ފެނަކަ ކޯޕަރޭޝަނަށް 101 މިލިއަން ރުފިޔާގެ އިތުރުން އައިލެންޑް އޭވިއޭޝަނަށް 61 މިލިއަން ރުފިޔާ ދައްކަން ޖެހޭ،" އަމީރު ވިދާޅުވި އެވެ.

ސަރުކާރުން ފައިސާ ދައްކަން ޖެހޭ ފަރާތްތައް

  • ޕާޗެސް އޯޑަރު 428 މިލިއަން
  • ޕޯސްޓެޑް އިންވޮއިސް ތަކަށް 824 މިލިއަން
  • އާސަންދަ ކުންފުންޏަށް 103 މިލިއަން
  • އެސްޓީއޯއަށް 780 މިލިއަން
  • ސްޓެލްކޯ އަށް 770 މިލިއަން
  • ފެނަކަ ކޯޕަރޭޝަނަށް 101 މިލިއަން
  • އައިލެންޑް އޭވިއޭޝަން 61 މިލިއަން

ލިބެން ޖެހޭ ފައިސާ 1.3 ބިލިއަން ރުފިޔާ

މިނިސްޓަރު ވިދާޅުވީ ދައުލަތަށް އެކި ފަރާތްތަކުން ލިބެން ޖެހޭ ފައިސާގެ އަދަދު 1.3 ބިލިއަން ރުިފޔާއަށް އަރާ ކަމަށެވެ. މީގެ ތެރޭގައި އަމިއްލަ ފަރާތްތަކުން ލިބެން ޖެހޭ 30 މިލިއަން ރުފިޔާ އާއި ފިޝަރީޒް މިނިސްޓްރީން ދޯނި ތަކަށް ދޫކުރި ލޯނުތަކުގެ ތެރެ އިން ލިބެން ޖެހޭ 14 މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.

"އިންޖީނު އެޅުމަށް ދޫކޮށްފައިވާ ލޯނުތަކަށް ލިބެން ޖެހޭ 1.2 މިލިއަން ރުފިޔާ އާއި އެގްރިކަލްޗަރު ފަންޑަށް ލިބެން ޖެހޭ 32 މިލިއަން ރުފިޔާ އަދި ކުންފުނިތަކަށް ދޫކުރި ލޯނުގެ ތެރެއިން ނުލިބު ހުރި 511 މިލިއަން ރުފިޔާ ހިމެނޭ. އަދި ސިފައިންނާއި ފުލުހުންގެ ކުންފުންޏަށް ދޫކުރި ފައިސާގެ ތެރެއިން ސިފައިންގެ ކުންފުންޏަށް 391 މިލިއަން ރުފިޔާ އަދި ފުލުހުންނަށް 360 މިލިއަން ރުފިޔާ ހިމެނޭ،" އަމީރު ވިދާޅުވި އެވެ.