ފިނޭންސް މިނިސްޓްރީ

24 ފަރާތަކަށް 1.4 ބިލިއަން ޑޮލަރުގެ ސޮވަރިން ގެރެންޓީ ވަނީ ދީފައި

ދައުލަތުގެ ފަރާތުން 24 ފަރާތަކަށް ސޮވަރިން ގެރެންޓީ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ހާމަކުރައްވައިފި އެވެ.

މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާޔާ ވާހަކަ ދައްކަވަމުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި މިނިސްޓަރު އަމީރު ވިދާޅުވީ، 24 ފަރާތަކަށް ސޮވަރިން ގެރެންޓީ ދޫކޮށްފައި ހުރި އިރު، އެ ގެރެންޓީތަކުގެ އަދަދު، 1.368 ބިލިއަން ޑޮލަރަށް އަރާކަމަށެވެ. އޭގެ ތެރެއިން، މިހާތަނަށް ބޭނުން ކުރެވިފައި ހުރީ، 666 މިލިއަން ޑޮލަރުގެ ސޮވަރިން ގެރަންޓީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސޮވަރިން ގެރެންޓީ އަކީ އަމިއްލަ ފަރާތްތަކުން ނަގާ ލޯނަކަށް ދައުލަތުން ޒިންމާވާނެ ކަމަށް ބުނެ ދީފައިވާ ލިޔުމެކެވެ.

މިނިސްޓަރު ވިދާޅުވީ ސޮވަރިން ގެރެންޓީ ދީފައިވަނީ އަމިއްލަ އެއް ފަރާތަކަށް ކަމަށައި، ދެން ހިމެނެނީ ސަރުކާރުގެ ކުންފުނިތައް ކަމަށެވެ.

"ސޮވަރިން ގެރެންޓީސް ދިން ފަރާތްތަކާއި އެމައުންޓާއި ޑިސްޕާސް އެމައުންޓް މިއަދު ޝާއިއު ކުރާނަން. ބައެއް އެގްރިމެންޓްތަކުގައި ހުންނާނެ އާއްމު ނުކުރެވޭނެ މައުލޫމާތުތައް. އެބައިތައް ނޫން އެހެން މައުލޫމާތުތަކެއް ޝާއިއު ކުރާނަން،" އަމީރު ވިދާޅުވި އެވެ.