ހަބަރު

ފުލުހުން އިސްލާހުކުރަން ޔުނީފޯމް އަޅަން ހަމީދު ތައްޔާރަށް

ފުލުހުންގެ ވަޒީފާ ދިނުމަށް އިއްޔެ ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު، ފުލުހުންގެ ވަޒީފާ ގަބޫލު ކުރައްވާނެކަން ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު، އެމްސީ ހަމީދު ހާމަ ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްއާއެކު އޭނާ އެތައް ބަޔަކު މަރުހަބާ ކިޔާފައިވެ އެވެ. އެކަމަށް ޝުކުރު އަދާ ކުރެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވީ ފުލުހުންގެ ޔުނީފޯމް އަލުން އަޅަން ގަސްތު ކުރައްވާ ކަމަށެވެ. ލިބޭނީ ކޮން މަގާމަކާމެދު ނުވިސްނަވާނެ ކަމަށެވެ.

އޭނާ ފުލުހުންގެ ވަޒީފާ އަލުން ގަބޫލުކުރަން ނިންމެވީ އާންމުންގެ އިތުބާރު ފުލުހުންގެ މުއައްސަސާއަށް ގެއްލިފައިވާތީ، އެ އިތުބާރު އަލުން ހޯދުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށް ކަމަށް ހަމީދު ވިދާޅުވި އެވެ.

އެމްސީ ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އިދާރީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ވަކިކުރިއިރު، އޭނާ ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ވެސް ބެހެއްޓި އެވެ. އޭނާއަށް ތުހުމަތުކުރީ ސިއްރު މައުލޫމާތުތަކެއް ލީކުކުރުމެވެ.

ވަޒީފާއިން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ހަމީދުގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން ނިންމީ ހަމީދަށް އަލުން ވަޒީފާ ދިނުމަށެވެ. ނަމަވެސް އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކުރި އެވެ. ހައިކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓަށް ހަމީދުގެ ފަރާތުން ހުށަހެޅި އެވެ. ނަމަވެސް އޭރު ސުޕްރީމް ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

ރިޔާސީ އިންތިހާބަށްފަހު ސުޕްރީމް ކޯޓުން ގިނަ މައްސަލަތަކެއް ރިވިއު ކުރަމުންދާއިރު ހަމީދު ވެސް ވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއު ކުރަން ހުށަހެޅި އެވެ. އެ މައްސަލާގައި ބޭއްވީ ދެ އަޑުއެހުމެކެވެ.

މައްސަލާގައި ދައުލަތުން ވަނީ ހަމީދު، ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް އެއްބަސްވެފަ އެވެ. އެގޮތަށް އެއްބަސްވީ ހަމީދު ވަކިކުރުމުގައި އިޖުރާއަތްތަކާ ހިލާފަށް އަމަލުކޮށްފައިވާ ބުނެ އެވެ. ސުޕްރީމް ކޯޓުން ވެސް ނިންމީ އެގޮތަށެވެ. ހަމީދު ވަޒީފާއިން ވަކިކުރީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި އަދި އޭނާގެ މައްސަލަ ބަލާފައިވަނީ ވެސް ޑިސިޕްލަނަރީ ބޯޑުގެ އިހްތިސޯސްގެ ބޭރުން ކަމަށް ހުކުމްގައިވެ އެވެ.

ހަމީދަށް އަލުން ވަޒީފާ ދިނުމަށާއި މުސާރަ އާއި އިނާޔަތްތައް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ.

އޭގެއިތުރުން އޭނާ ވަޒީފާއިން ވަކިކޮށްފަ ކަމަށް ނިންމާފައިވާ މުއްދަތަކީ ހިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނައި، ވަޒީފާގެ ކުރިއެރުން ދިނުމުގައި ވެސް އެކަމަށް ބަލަންޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ.