އަންހެނުންގެ ދުވަސް

މަސައްކަތު ތަޖުރިބާއަށް ދިޔަ މަމްދޫހާ މިހާރު ފެލިވަރުގެ ތަނބެއް

Jun 20, 2015
1

ޅ. ފެލިވަރުން: މުހައްމަދު އަފްރާހު

އޭނާ ފެލިވަރުގެ ވަޒީފާ ފެށީ އެންމެ ދަށުންނެވެ. އާދައިގެ ގޮތެއްގަ އެވެ. ނަމަވެސް އެ ވަޒީފާ އަދާކުރީ ފަރުވާތެރިކަމާއެކުގަ އެވެ. ވަގުތަށް ކަމޭހިތައިގެންނެވެ. އޭނާ ގަޑިއެއް ނުޖެހެ އެވެ. މަސައްކަތަށް ފަރުވާ ކުޑައެއް ނުކުރެ އެވެ. މީގެ ނަތީޖާ ވަރަށް ފޮންޏެ އެވެ. މިއަދު އޭނާއަކީ ފެލިވަރުގެ އެއް "ތަނބެކެވެ". މިއީ ފެލިވަރު ފެކްޓްރީގެ ކޮލިޓީ ކޮންޓްރޯލް ކުރާ ބައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މަމްދޫހާ އިބްރާހިމް އެވެ.

"ކޮންމެ ކަމެއް ކުރިއަސް ބަލަނީ ކުރެވޭ އެންމެ ރަނގަޅަކަށް ކުރަން. މިއީ ކުރިއެރުމުގެ އެއް ސަބަބަކީ،" ފެލިވަރުގެ ސީނިއަ ސްޕަވައިޒަރެއްގެ ވަޒީފާ އަދާކުރަމުން ގެންދާ، މަމްދޫހާ އިބްރާހިމް ބުންޏެވެ.

މަމްދޫހާގެ މަސައްކަތުގެ ހަޔާތް ފެށެނީ އުމުރުން ވަރަށް ޅަ ދުވަހު އެވެ. އޭނާ ފެލިވަރުގެ ވަޒީފާއަށް ނުކުތް އިރު އުމުރަކީ އެންމެ 14 އަހަރެވެ. މީގެ 34 އަހަރު ކުރިން އޭނާ ފުރަތަމަ އަދާކުރީ ފެލިވަރު ދަޅު މަސް ބަންދުކުރާ ކާރު ހާނާގެ މަސް ސާފު ކުރުމުގެ ވަޒީފާ އެވެ. އަންހެނުން ވަޒީފާއަށް ދިއުމަކީ "ހުތުރުކަމެއް" ގެ ގޮތުގައި ދެކެމުން އައި ދުވަސްވަރު ވަޒީފާއަށް ނުކުމެ އޭނާ ވަނީ ބޮޑު ކާމިޔާބީ އެއް ހޯދާފަ އެވެ. ގޮތްދޫ ނުކޮށް ވަޒީފާގައި ހުރެ ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކީ މަގާމުގެ ގޮތުން ވެސް މައްޗަށް ޖެހިލުމެ އެވެ. އެހެން މީހުންނަށް ނަމޫނާ މީހަކަށްވުމެވެ.

މަމްދޫއަށް ފެލިވަރު ފެކްޓްރީއަށް ވަދެވުނީ ސްކޫލުން ދިން ދަތުރެއްގައި ފެލިވަރު ފެކްޓްރީއަށް ކުރި ޒިޔާރަތެއްގެ ތެރެއިންނެވެ.

"އޭރު ސްކޫލްގައި ކިޔަވައިދެނީ ގްރޭޑް ހަތަކަށް. ސްކޫލްގައި އުޅެފައި ފެލިވަރު ފެކްޓްރީއަށް ދިޔައީ ވޯކިން އެކްސްޕީރިއަންސަށް. އެ އައިގޮތަށް ހަރުވީ،" ފެލިވަރުގައި ހުރެ "އަވަސް" އަށް ވާހަކަ ދައްކަމުން ނ. ހޮޅުދޫ އަށް އުފަން މަމްދޫހާ ބުންޏެވެ.

ފެލިވަރު ފެކްޓްރީގައި މަމްދޫހާގެ ޒިންމާ މިހާރު ވަރަށް ބޮޑެވެ. މިއަދު އޭނާއަކީ ފެލިވަރުގައި ބަންދުކުރާ ދަޅު މަހުގެ ސްޕެސިފިކޭޝަން ބަލައި، މިންގަނޑު ވަޒަންކުމުގެ ބުރަ މަސައްކަތް ކުރާ އެކަކެވެ. ކޮންމެ ދަޅެއް ބަންދުކުރަނީ އޭނާގެ ބެލުމުގެ ދަށުންނެވެ. ބޭރަށް ފޮނުވާ މަސްދަޅުގެ ފެންވަރު ބެލުމުގައި އެ ބޮޑު ޒިންމާ އޮންނަނީ އޭނާގެ ބޮލުގަ އެވެ. މަމްދޫހާ ފަރުވާ ކުޑަކޮށްލައިފި ނަމަ ފެލިވަރުގެ މުޅި ވިޔަފާރިއަށް އަސަރު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ބެލުމަކީވެސް އޭނާގެ ޒިންމާ އެކެވެ.

"އަޅުގަނޑު ޖެހޭ މިތަނުގައި މިހާރު ޖެހޭ އިނިސްފެކްޓަރުން ކުރާ މަސައްކަތް ބަލާ މޮނީޓަރު ކުރަން ވެސް. ބުރަ އެކަމަކު ވަރަށް އުޅޭ ހިތްވޭ،" މަމްދޫހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަސްވެރިކަމުގެ މި ދާއިރާއަކީ ދިވެހި އަންހެނުން މަސައްކަތް ކުރަން އެންމެ އެކަށީގެންވާ އެއް ދާއިރާ އެވެ.

"މަސައްކަތްކުރާކަށް ވަކި ދާއިރާއެއް ނޯންނާނެ. ރަނގަޅަށް އުޅެލުމުން ހަމަ ރަނގަޅު ވާނެ،" މަމްދޫހާ ބުންޏެވެ.

މަމްދޫހާގެ އެންމެ ފަހު ބަހެއްގެ ގޮތުން ޒުވާނުންނަށް ދިނީ މެސެޖެކެވެ. އޭނާ ބުނި ގޮތުގައި މަސައްކަތް ކުރާއިރު، އެކަމަށް ކަމޭ ހިތައިގެން އުޅޭނަމަ އެ ދާއިރާއަކުން ކުރިއަށް ދެވޭނެ އެވެ. ކުރިއެރުންތައް ވެސް ލިބޭނީ އޭރުންނެވެ.

"ކިޔަވައިގެން ތިބޭ ތައުލީމީ ކުދިންނަށް މިހާރު ފުރުސަތު ބޮޑު ވާނެ. މި ދާއިރާއަކީ ކުރިއަށްދާން އެންމެ ރަނގަޅު އެއް ދާއިރާ،" މަމްދޫހާ ބުންޏެވެ.