ހަބަރު

ހަމައެކަނި ޝަރީއާ ކިޔެވި މީހުންގެ އަތުން ވަކީލުކަން ގެއްލެނީ

ހަމައެކަނި ޝަރިއާ ކިޔަވައިގެން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ މީހުންގެ ހުއްދަތައް ބާތިލްވާ ގޮތަށް ގާނޫނީ ހިދުމަތުގެ ބިލްގައި ހިމަނައިފި އެވެ.

ވަކީލުންގެ ކަންކަން ހަރުދަނާ ކުރުމަށް މަފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ގާނޫނީ ހިދުމަތުގެ ބިލުގައި ވަކީލު ކަމުގެ ހުއްދަ ދޭނެ ޝަރުތައް ވަނީ ހިމަނާފަ އެވެ.

އެގޮތުން ވަކީލު ކަމުގެ ހުއްދަ ދެވޭނީ ގާނޫނުގައިވާ ތަމްރީނުތައް ހާސިލްކޮށްފައިވާ މީހުންނަށް ކަމަށް ވަނީ ބުނެފަ އެވެ. ބިލްގައިވާ ގޮތުން ވަކީލު ކަމުގެ ހުއްދަ ދޭން ވަނީ ޝަރީއާ އެންޑް ލޯއިން ޑިޕްލޮމާ ނުވަތަ ފުރަތަމަ ޑިގްރީ ނުވަތަ އެލްއެލްބީ ހާސިލްކޮށްފައިވާ މީހުނަށެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާތާ، ތިން އަހަރު ދުވަހުގެ ތެރޭގައި އެ ސަނަދުތައް ނެތް މީހުން، ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރަން ޖެހޭނެ ކަމަށާއި ނޫންނަމަ އެމީހުންގެ ގާނޫނީ ވަކީލް ކަމުގެ ހުއްދަ ބާތިލްވެގެން ދާނެ ކަމަށް ބިލްގައިވެ އެވެ.

ހަމައެކަނި ޝަރީއާ ކިޔަވައިގެން ރާއްޖޭގައި ގިނަ ބަޔަކު ގާނޫނީ ވަކީލުކަން ކުރެ އެވެ. އާންމުކޮށް އިސްލާމިކް ޔުނިވާސިޓީތަކުގައި ކިޔަވައިދެނީ ހަމައެކަނި ޝަރީއާ އެވެ. އެގޮތުން މަދީނާ ފަދަ ގައުމުތަކުން ތައުލީމް ހާސިލް ކޮށްފައިވާ މީހުން ލޯ ކިޔަވާފައެއް ނުވެ އެވެ.