ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) ގެ ވަކީލުން ބޭރު ގައުމުތަކަށް ފޮނުވައިގެން ދޭ ތަމްރީންތަކާ ގުޅޭ މައުލޫމާތުތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓޮރޭޓްއާ ޕީޖީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޕީޖީގެ ވަކީލުން އެ ގައުމަށް ފޮނުވައިގެން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގާ ކަމަށެވެ. އެހެންކަމުން ޗައިނާގެ ތަމްރީނާ ގުޅޭ ގޮތުން ކޮމިޓީން ކުރަން ބޭނުންވާ ސުވާލުތައް ލިއުމަކުން ޕީޖީއަށް ފޮނުވަން ހިސާން ހުށަހެޅުއްވި އެވެ.
ޕީޖީ އޮފީހަށް ފޮނުވާނެ ސުވާލުތަކުގެ ތެރެއިން ބައެއް ސުވާލުތައް ވެސް ހިސާން ހާމަކުރެއްވި އެވެ. އެ ގޮތުން ޗައިނާގެ ޕްރޮގްރާމްގައި ވަކީލުން ތަމްރީން ކުރަން ލިބޭ ފުރުސަތުތަކާއި އޭގެ ސަބަބުން ވަކީލުންނަށް ލިބުނު ކުރިއެރުންތަކާ ގުޅޭ ގޮތުން ސުވާލު ކުރަން ހުށަހެޅުއްވި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެ ލިއުމަށް އިތުރު ސުވާލެއް ހިމެނުމަށް ހުށަހެޅުއްވި އެވެ. އެއީ އެހެން ގައުމުތަކުން ވަކީލުން ތަމްރީން ކުރަން ލިބޭ ފުރުސަތުތަކާއި އެ ފުރުސަތުތަކުގައި ވަކީލުން ފޮނުވާ މިންވަރާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ. ހިސާނާއި ހަސަން ލަތީފުގެ ހުށަހެޅުއްވުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ތާއީދު ކުރެއްވި އެވެ.
ހިސާނައި ހަސަންގެ ހުށަހެޅުއްވުމާ އެއް ގޮތަށް އެ މައުލޫމާތުތައް ސާފުކުރަން ޕީޖީ އޮފީހަށް ސިޓީއެއް މެދުވެރިކޮށް ސުވާލުތައް ފޮނުވަން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމި އެވެ.
ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ ވަކީލުން ޗައިނާއަށް ފޮނުވައިގެން ތަމްރީން ކުރާތީ ވެސް ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެ ގޮތުން ހަސަން ލަތީފު ވިދާޅުވީ ޑިމޮކްރެޓިކް މާހައުލެއްގައި ޕީޖީގެ ވަކީލުން މަސައްކަތް ކުރާނެ ގޮތުގެ ތަމްރީން ދިނުން ވަރަށް މުހިއްމު ކަމަށެވެ. ނަމަވެސް އެ ކަން ކުރުމަށްޓަކައި ވަކީލުން ޗައިނާއަށް ތަމްރީން ކުރަން ފޮނުވަން އެއް ގޮތަކަށް ވެސް ތާއީދު ނުކުރައްވާ ކަމަށާއި ޗައިނާގެ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކާ ވަރަށް ތަފާތު ކަމަށް ހަސަން ވިދާޅުވި އެވެ.
ވިލިނގިލި ދާއިރާގެ އަމިއްލަ މެންބަރު ސައުދު ހުސައިން ވިދާޅުވީ ދައުލަތުގެ ވަކީލުން ތަމްރީން ކުރަން ފޮނުވާ މާހައުލު ރަނގަޅުވާން ޖެހޭ ކަމަށާއި ޖުޑިޝަރީން ކޮމިޓީން އެ ކަން ބަލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލުން ތަމްރީން ކުރަން ފޮނުވާ ޗައިނާއަކީ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބޮޑު ގައުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ކޯޓުތަކުގައި ދައުލަތުގެ ވަކީލުން ވަކާލާތު ކުރެއްވި ގޮތަށް ވެސް ސައުދު ފާޑުވިދާޅުވި އެވެ.
"މި މައްސަލައަކީ ވަކީލުން ފޮނުވާ ގައުމުގެ ހިއުމަން ރައިޓްސް ވެލިއުގެ މައްސަލައެއް. މީޑިއާގައި ފެތުރޭ ހަބަރުތަކަށް ބެލީމަ ވެސް އެނގޭ ޗައިނާއަކީ ހިއުމަން ރައިޓްސް ވެލިއު ވަރަށް ލޯ ގައުމެއް ކަން. އެހެންވީމަ ވަކީލުން ތަމްރީން ކުރާ މާހައުލު އެބަ ވާން ޖެހޭ ރަނގަޅު މާހައުލަކަށް." ސައުދު ވިދާޅުވި އެވެ.