ހަބަރު

މަރުހަބާ ކިޔަން ދަރިވަރުން ނުނެރެން އަންގައިފި

ސަރުކާރުގެ އިސްވެރިން ވަޑައިގަންނަވާއިރު ސްކޫލްތަކުގެ ދަރިވަރުން މަރުހަބާ ކިޔަން ނުނެރެން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

ރައީސް ރަށްރަށަށް ވަޑައިގަންނަވާއިރު، ސްކޫލް ދަރިވަރުން މަރުހަބާ ކިޔަން ނެރުމަކީ އަބަދުވެސް ފާޑުކިޔުން އަމާޒުވާ ކަމެކެވެ. އެގޮތުން ނިމިގެން ދިޔަ ދައުރުގެ ރައީސް އަބްދުﷲ ޔާމީނަށް މަރުހަބާ ކިޔުމަށް ވެސް ސްކޫލްތަކުގެ ދަރިވަރުން ނެރުނެވެ. އަދި ބައެއް ސްކޫލްތަކުން އެގޮތަށް އަމަލުކުރުމަށް ބެލެނިވެރިންނަށް އަންގާފައިވެސްވެ އެވެ.

އޭރު ވެސް އެކަމާ މީހުން ނުރުހުން ފާޅުކުރި ނަމަވެސް މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިހާތަނަށް މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވަޑައިގެންނެވީ ކ. ދިއްފުއްޓަށް އެކަންޏެވެ. އެ ދަތުރުފުޅާ ގުޅިގެން ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް ދިއްފުށި ސްކޫލްގެ ގްރޭޑް ހަތަކުން މަތީ ދަރިވަރުންނަށް ނެރުމަށް އެ ސްކޫލުން ބެލެނިވެރިންނަށް އަންގާފައިވެ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ފާޑުވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސްއަށް މަރުހަބާ ކިޔަން އަބަދުވެސް ސްކޫލް ދަރިވަރުން ނުކުންނާނެ ކަމަށެވެ. އެއީ ޕީޕީއެމްގެ ސަރުކާރުގައި އެކަނި ހިނގާނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް މިއަދު އެޑިއުކޭޝަން މިނިސްޓްރީން އެކަމަށް ވަނީ އަވަސް ފިޔަވަޅެއް އަޅާފަ އެވެ.

އެ މިނިސްޓްރީން ސާކިއުލާއެއްގައި ބުނީ، ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް، ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް ތަފާތު އުނދަގޫތައް ކުރިމަތިވެ، ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތަކެއް ގެއްލިގެންދާ ކަމެއް ކަމަށެވެ. އެހެންވެ، އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އަންގާ ކަމަށް ސާކިއުލާގައިވެ އެވެ.