ހަބަރު

މަޖިލީހަށް ވާދަކުރުމާމެދު ގޮތެއް އަދި ނުނިންމަން: ޔާމީން

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މުލަކު ދާއިރާއަށް ރައީސް ޔާމީން ކުރިމަތިލައްވާނެ ކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މާލެ ދާއިރާއަކުން މަޖިލީހަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާ ކަމަށް އަޑުތައް ފެތުރެ އެވެ.

މަޖިލީހުގައި މިހާރު ތިއްބެވި ޕީޕީއެމްގެ މެންބަރުންނަށް އަންނަ މަޖިލީހުގައި ވާދަ ކުރެއްވުމަށް ޓިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އަންނަ މަޖިލީހަށް ވާދަ ކުރުމާމެދު އެމަނިކުފާނު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ކެބިނެޓްގައި ތިއްބެވި ބައެއް ބޭފުޅުންގެ ޝައުގުވެރިކަން ވެސް މަޖިލީހަށް އެބަހުރި ކަމަށާއި އެ ބޭފުޅުންނަށް ޕާޓީގެ ޓިކެޓް ވެސް ދެއްވާނެ ކަމަށެވެ. ޕީޕީއެމްގެ އަމާޒަކީ ގިނަ ދާއިރާތަކަކަށް ކުރިމަތިލައި ކާމިޔާބު ހޯދުން ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ބައެއް ދާއިރާތަކުގައި އެއް ބޭފުޅުންނަށްވުރެ ގިނަ ބޭފުޅުންގެ ޝައުގުވެރިކަން ހުރުމުން ޕްރައިމަރީތައް ބާއްވާނެ ކަމަށެވެ. އަދި މިހާރު ތިއްބެވި މެންބަރުންގެ އިތުރުން ވެސް އަދި ޕްރައިމަރީއަކާ ނުލާ އެހެން ބައެއް ބޭފުޅުންނަށް ޓިކެޓް ދެއްވާނެކަން ވެސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ. ވިދާޅުވީ މި ހަފުތާގެ ތެރޭގައި އެހެން ރަސްމިއްޔާތެއް އެކަމަށް ބާއްވާނެ ކަމަށެވެ.

މިހާރު ތިއްބެވި މަޖިލިސް މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަކީ ބައެއް މީހުންގެ ނުތަނަވަސްކަން ހުރެދާނެ ކަމެއް ކަމަށާއި ނަމަވެސް އެކަމަކީ ޕާޓީގެ މަސްލަހަތަށް މުހިންމު ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި މި ވަގުތަށް އެންމެ މުހިންމީ ޕާޓީގެ މަސްލަހަތު ނުގެއްލޭނެ ގޮތެވެ. އެކަން ގަބޫލު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.