ހަބަރު

ޕީޖީގެ ނިންމުންތައް ރިވިއު ކުރަން ހުށަހެޅޭނެ ގޮތް ހަދައިފި

މައްސަލަތައް ރިވިއު ކުރުމުގައި ޒިންމާ ވާނެ ހާއްސަ ޔުނިޓެއް ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީއިން ގާއިމްކޮށް، ޝަކުވާ ހުށަހަޅަން 45 ދުވަހުގެ މުއްދަތެއް ދީފި އެވެ.

އެކަމާ ގުޅިގެން ޕީޖީއިން ނެރުނު ބަޔާނުގައި ބުނީ، ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ މިނޫން ވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ހާލަތްތަކާއި ޝަރުތުތައް ރިވިއު ކުރަމުން ގެންދިޔުމާއި އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމާއި، ކުށެއް ކުރިކަމަށް ތުހުމަތު ކުރާ މީހަކާމެދު
ދައުވާ އުފުލުމަށް ނުވަތަ ދައުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް ރިވިއުކުރުމަކީ ޕީޖީއަށް ލިބޭ ބާރެއް ކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދައުވާއެއް އަނބުރާ ގެނައުމަކީ ވެސް ލިބޭ ބާރެއް ކަމަށެވެ.

އެހެންވެ، ވޭތުވެދިޔަ ތަނުގައި ޕީޖީ އޮފީހުން މީހެއްގެ މައްޗަށް ދައުވާއެއް އުފުލުމަށް ނުވަތަ ދައުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް ކަމާ ގުޅޭގޮތުން އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރޭގައި ރިވިއުކޮށް، އެ ނިންމުން ބަދަލުކޮށް، ކޮށްފައިވާ ދައުވާއެއް ބަދަލުކުރަންޖެހޭ ކަމަށް ފެންނަނަމަ، އެކަން ކުރުމަށާއި، ޝަރީއަތަށް މައްސަލަ
ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން
ހިފެހެއްޓިފައިވާތީ، އެކަން ރިވިއުރަންޖެހޭނަމަ، އެކަން ކުރުމަށާއި، ޝަރީއަތަށް މައްސަލަ ހުށަހެޅުމަށްފަހުގައިވެސް،
ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ނިންމުން ރިވިއު ކުރަންޖެހޭނަމަ އެކަން ކުރުމަށްޓަކައި ޒިންމާވާނެ ހާއްސަ ޔުނިޓެއް މިއަދު ގާއިމްކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މި ޔުނިޓުގެ މަސައްކަތްތައް ހިނގާނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ބެލުމުގެ ދަށުންނެވެ.

ބަޔާނުގައިވާ ގޮތުން ޔުނިޓުގެ މެންޑޭޓުގެ ގޮތުގައި ހިމަނާފައިވާ ކަމަކާ ގުޅޭގޮތުން ދައުވާ އުފުލިފައިވާ މީހަކު
ނުވަތަ ބަންދުގައިވާ މީހަކު އެކަމުގެ ޝަކުވާ ހުށަހަޅަން ބޭނުންނަމަ، އެޝަކުވާ ހުށަހެޅޭނެ ފޯމެއް ތައާރަފްކޮށް އެފޯމް، އެ އޮފީހާއި އޮފީހުގެ ބްރާންޗުތަކުން ލިބޭނެ އެވެ. ޝަކުވާ ހުށަހަޅަން ދީފައިވަނީ މާދަމާއިން ފެށިގެން 45 ދުވަހެވެ.