ހަބަރު

ހޯރަ އިއްބެ ދޫކުރުން އޯކޭ އެއް ނޫން، ތާއީދެއް ނުކުރަން: އީވާ

އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށުގައި ޖަލަށްލާފައިވާ، އެމްޑީޕީގެ އެކްޓިވިސްޓް އިބްރާހިމް ރަޝީދު، ހޯރަ އިއްބެގެ ހުކުމް ލުއިކޮށްދީ އޭނާ މިނިވަންކުރުމަކީ ފަހަރެއްގައިވެސް ރުހި ތާއީދުކުރި ކަމެއް ނޫން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުޑަ ކުއްޖަކާ ޖިންސީ ގޯނާ ކުރުމިުގެ ކުށުގައި ޖަލަށްލި ހޯރަ އިއްބެ ދޫކުރަން މި ސަރުކާރުން ނިންމުމާއެކު ރައްޔިތުންގެ ފާޑު ކިޔުމާއި ނުރުހުން ބޮޑުވި އެވެ.

ޓްވިޓާގައި އެކަމާ ނުރުހުން ފާޅުކޮށް ހިޔާލުފާޅުކުރި މީހެއްގެ ޓުވީޓަކަށް ރައްދު ދެއްވަމުން މެންބަރު އީވާ ވިދާޅުވީ، އިއްބެ ދޫކޮށްލަން ސަރުކާރުން ނިންމި ނިންމުމަކީ އޭނާއަށް އެއްގޮތަކަށް ވެސް ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. ކުޑަކުއްޖަކު އެއްވެސް ހާލެއްގައި އަމިއްލަޔަށް ޖިންސީ އަނިޔާގެ ޝިކާރައަކަށް ވާން ބޭނުންވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އީވާ ވިދާޅުވި އެވެ. އެހެންކަމުން އިއްބެ ދޫކޮށްލުމަކީ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައި ތިބި އެތަކެއް ބަޔެއްގެ ހިތްދަތި ހަނދާންތައް އާކޮށްދޭނެ ކަމެއް ކަމަށް އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޖިންސީ އަނިޔާގެ މައްސަލަތަކުގައި އަމަލުކުރުމަށް މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ތަންފީޒުކުރަންޖެހިފައިވާ ކަމަށެވެ.

ހޯރަ އިއްބެ 2012 ޑިސެމްބަރުގައި ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ކޮޓަރިއެއްގައި ތިއްބަ އެވެ. އެ އަންހެން ކުއްޖައާ ހޯރަ އިއްބެ ފަހުން ކައިވެނިކޮށް އެ ކައިވެންޏަށް ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.

އިއްބެގެ ހުކުމް މާފުކޮށްދޭން ރައީސް ނިންމެވީ، ސަރުކާރުން ބުނި ގޮތުގައި، 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން އިއްބެގެ ޖަލު ހުކުމަށް ލުޔެއް ދިނުމަށް ނިންމާފައިވާތީ އެ ނިންމުމަށް ރިއާޔަތްކޮށެވެ. ނަމަވެސް އިއްބެގެ މައްޗަށް ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެފައިވަނިކޮށް ސަރުކާރުން އޭނާ މިނިވަންކޮށްފައިވާއިރު، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށާއި ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާ މީހުންނަށް މާފު ނުދެވޭނެ އެވެ.