ހަބަރު

ލޯންޗު ގޮއްވާލުމާ ގުޅޭ ގޮތުން އަދީބު ދައްކާ ވާހަކަ ގަބޫލުކުރެވޭ: ޝައިނީ

"ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ދައްކަވާ ވާހަކަ ގަބޫލުކުރެވޭ ކަމަށް ކުރީގެ ރައީސް ޔާމީންގެ ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ. 

ލޯންޗުގައި ބޮމެއް ހަރުކުރީ އަދީބުކަމަށް ތުހުމަތުކޮށް އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ ހުކުމް ވެސް އިއްވާފައިވާއިރު، އެ ހާދިސާއާ ގުޅިގެން އަދީބު މީގެ ކުރިން ބުނެފައިވަނީ، ލޯންޗުކޮޅު ގޮއްވާލީ ސަރުކާރު ތެރެއިން އޭނާ ނެރެލުމުގެ ބޭނުމުގައި ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީން ވަނީ އޭނާ ޕްރޭމްކޮށްފައި ކަމަށެވެ.

އެގޮތުން 2016 ވަނަ އަހަރު ބޭއްވި ލޯންޗްކޮޅު މައްސަލާގެ އަޑުއެހުމެއްގައި އަދީބު ވަނީ، ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ތުހުމަތުކޮށް ހެކި ވެސް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އޭނާ ސަރުކާރުން ބޭރުކުރަން ޖެހިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިކަން ސާބިތުކުރުމަށް ވެސް ހެކި ހުށަހެޅި އެވެ. އަދި މައްސަލައިން ދިފާއުވުމަށް ރައީސް މައުމޫންގެ ނަން ވެސް އަދީބު އޭރު ހުށަހެޅި އެވެ. ރައީސް މައުމޫންގެ ނަން ހުށަހަޅާފައިވަނީ އާރަށަށް ވަޑައިގަތުމަށް އަދީބު ލޯންޗްކޮޅު ބޭނުންކުރެއްވިފަހުން ރައީސް މައުމޫން އެ ލޯންޗްކޮޅު ބޭނުންކުރެއްވިކަން ސާބިތުކުރުމަށެވެ.