ހަބަރު

ބާރު ދިނުމުން ކައުންސިލުތަކުން ރަނގަޅު ހިދުމަތް ދޭން ޖެހޭނެ: ރައީސް

ސިޓީ ކައުންސިލްތަކަށް ބާރުތައް ދިނުމުން ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ސިޓީ ކައުންސިލްތަކުން އަތުން ނިމިދިޔަ ސަރުކާރުން ނަގާފައިވާ ބައެއް ބާރުތައް އަލުން ދޭން ކެބިނެޓުން ނިންމާފައިވެ އެވެ. އެގޮތުން އެކިއެކި ބޭނުމަށް ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީކުރުމާއި އިމާރާތްކުރުމުގެ ހުރިހާ ކަމެއް ވަނީ ސިޓީ ކައުންސިލްތަކަށް ދޫކޮށްލާފަ އެވެ.

އޭގެއިތުރުން އެ ރަށެއްގެ ވިޔަފާރިތަކާއި ދިރިއުޅޭ މީހުންގެ މައުލޫމާތު ހޯދައި ބެލެހެއްޓުމާއި މަގުތަކާއި ޖެޓީ އާއި ފާލަމާއި ފެރީ ޓާމިނަލްތައް ހެދުމާއި މަރާމަތުކޮށް ބެލެހެއްޓުމަކީ ވެސް ސިޓީ ކައުންސިލްތަކަށް ދޫކޮށްލާފައިވާ ބާރުތަކެވެ.

އެކަމަށް އިޝާރަތް ކުރައްވައި މިއަދު އއ. އުކުޅަހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި ހަފުތާގެ ތެރޭގައި ވެސް ކެބިނެޓްގައި މަޝްވަރާކޮށް އަދިވެސް އެހެން ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދޫކޮށްލައްވާނެ ކަމަށެވެ.

އޭގެއިތުރުން ލާމަރުކަޒީ ނިޒާމްގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ބާރުތައް މައި ސަރުކާރަށް ޖަމާކޮށް ހިންގުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން، މި ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ފުރިހަމަ ނިޒާމެއް ގާއިމްކޮށްގެންކަން އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާއިރު ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އަޅުގަނޑު އެދޭ އެދުމެއް،" ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކަކަށް ބާރުތައް ދީގެން ސަރުކާރު ހިންގެވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި އެމަނިކުފާނުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. ރައީސް ސޯލިހު ކެމްޕެއިންގައި އެންމެ ބޮޑަށް ވެވަޑައިގެންނެވި ވައުދަކީ ރާއްޖެ، ޖަޒީރާވަންތަކަންމަތީ ލާމަރުކަޒީ އުސޫލުން ތަރައްގީ ކުރެއްވުމުގެ ވައުދެވެ.