އާ ފެއާތަކާއެކު ރާއްޖެއިން އަންނަ އަހަރު 19 ޓޫރިޒަމް ފެއާއެއްގައި ބައިވެރިވާން ނިންމައި، ފެއާ ލިސްޓު އާއްމުކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޓޫރިޒަމްގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ފޮނުވާފައިވާ އަންނަ އަހަރުގެ ފެއާ ލިސްޓުގައި 19 ޓޫރިޒަމް ފެއާއެއްގައި ބައިވެރިވާނެ ކަމަށް ބުނެފައިވެ އެވެ. މީގެތެރޭގައި ކުރިން ރާއްޖެއިން ނުދާ ބައެއް އާ ފެއާތައް ވެސް ހިމެނެ އެވެ.
ރާއްޖޭން ނެރެފައިވާ ފެއާ ލިސްޓުގައި ހިމެނޭ ބައެއް އާ ފެއާތަކުގެ ތެރޭގައި އެންމެ ހާއްސަކޮށް ހިމެނެނީ ޒަމާނުން ފެށިގެން ރާއްޖެ އިން ބައިވެރިވަމުން ގެންދާ ބޮޑެތި ފެއާތަކުގެ އިތުރުން ގެސްޓްހައުސް މާކެޓަށް ހާއްސަ ފެއާތަކެއް ހިމަނާފައިވުމެވެ. މީގެެތެރޭގައި އަލަށް ހިމަނާފައިވަނީ ރާއްޖެ އަށް އެންމެ އުންމީދީ އެއް މާކެޓު ކަމަށްވާ އިންޑިއާގެ ދެ ފެއާއެކެވެ. އަލަށް ބައިވެރިވާން ނިންމާފައިވަނީ އިންޑިއާގެ ޗެންނާއީގައި އޮންނަ ފެއާއަކާއި ބެންގަލޫރުގައި އޮންނަ ފެއާއެއް ހިމެނެ އެވެ.
2019ގެ ފެއާ ލިސްޓް:
- ބޫޓް ފެއާ (ޖަރުމަނު) ޖެނުއަރީ 19-27
- އޯޓީއެމް (އިންޑިއާ) ޖެނުއަރީ 23-25
- ފިތޫރު (ސްޕެއިން) ޖެނުއަރީ 23-27
- ފެސްބޯ (ސުއިޒަލޭންޑް) ޖެނުއަރީ 31، ފެބްރުއަރީ ،3
- އީއެމްއައިޓީޓީ (ތުރުކީ) ޖެނުއަރީ 31، ފެބްރުއަރީ ،3
- ޓީއެފްއެފް (އިންޑިއާ) ފެބްރުއަރީ 8-10
- ބީއައިޓީ (އިޓަލީ) ފެބްރުއަރީ 10-12
- ޓީއެފްއެފް (އިންޑިއާ) ފެބްރުއަރީ 15-17
- އަމޯރު ޕެސިފިކް (ތައިލެންޑް) ފެބްރުއަރީ
- އައިޓީބީ (ޖަރުމަނު) މާޗް 6-10
- އެމްއައިޓީޓީ (ރަޝިއާ) މާޗް 12-14
- އޭޓީއެމް (ދުބާއީ) އެޕްރީލް 8، މެއި 1
- ޓޫރިޒަމް އެކްސްޕޯ (ޖަޕާން) އޮގަސްޓް 20-23
- އައިއެފްޓީއެމް (ފްރާންސް) ސެޕްޓެމްބަރު
- ޓީޓީޖީ (އިޓަލީ) އޮކްޓޫބަރު
- ޗައިނާ އޭޝިއަން އެކްސްޕޯ ޓޫރިޒަމް (ޗައިނާ) އޮކްޓޫބަރު
- އެސްއައިއެޗްއީ (ސުވިޒަލޭންޑް) ނޮވެމްބަރު
- ޑަބްލިއުޓީއެމް (އިނގިރޭސިވިލާތް) ނޮވެމްބަރު
ޑެސްޓިނޭޝަން މާކެޓިން ހަރަކާތްތަކެއް
އެނގިފައިވާ ގޮތުގައި އާ ސަރުކާރުން ވަނީ ރާއްޖެއިން ފެއާތަކުގައި ބައިވެރިވުމުގެ އިތުރުން ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އިތުރުން ހަރަކާތްތަކެއް ހިންގުމަށް ނިންމާފަ އެވެ. އަދި އެކަމަށް ވެސް ދަނީ ހާއްސަ "އެކްޓިވިޓީ ކަލަންޑަރެއް" ތައްޔާރު ކުރަމުންނެވެ.
ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން އަށް ގިނަ ހަރަކާތް ތަކެއް ފަށަން ތައްޔާރުވާއިރު، އާ ސަރުކާރުން ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް ހާއްސަ ބަޖެޓު ތިން ގުނަ މަތިކޮށްފަ އެވެ. ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި 104.2 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.